ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތައް ފުޅާކޮށް، ބޭރުގެ ޤައުމުތަކަށް ދަތުރުކުރުމަށް ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް އިތުރު 17 ގައުމަކާއެކު ވިސާ ވެއިވަރ އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދަށުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އިތުރު 5 ޤައުމަކާއެކު ވިސާ ވެއިވަރ އެއްބަސްވުން ޤާއިިމްކުރެވި، މިހާރު ޖުމްލަ 88 ޤައުމަކަށް، ކުރިން ވިސާ ހޯދުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ ކަމަށް ބުނެއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް ވިސާ ހޯދުމުގައި މި މިނިސްޓްރީގެ އެހީތެރިކަމަށް އެދި ހުށައަޅާއިރު، ވިސާއަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް، އަދި ވިސާ ޕްރޮސެސްކުރުމަށް މިޝަންތަކުން ކަނޑައަޅާފައި ހުންނަ މުއްދަތަށްވުރެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އެޕްލިކޭޝަން ފޮނުވުމާއި، އެޕޮއިންޓްމަންޓް ތާރީޚް އަވަސްކުރުމަށް އެދެމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ރާއްޖެއިން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ޤައުމުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި އެ ޤައުމެއްގެ މިޝަނެއް ޤާއިމުކުރެވިފައި ނުވާ ޤައުމުތަކުގެ ވިސާ ހޯދުމުގެ ކަންކަމުގައި މި މިނިސްޓްރީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. ވިސާ ދޫކުރުމަކީ އެ ޤައުމަކުން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ކުރިއަށްގެންދާ، އަދި އެކަމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ހަމައެކަނި އެ ވިސާ ދޫކުރާ ޤައުމަކަށް ލިބިފައިވާ ކަމެއް ކަމަށް ބުންޏެވެ.
މީގެ ތެރޭގައި، ވިސާ ދޫކުރުމަށް ހޭދަވާނެ މުއްދަތުތައް ކަނޑައެޅުމާއި، އެކި ބާވަތުގެ ވިސާއަށް ތަފާތު ލިޔެކިޔުން ހުށަހަޅަން ޖެހުމާއި، އަދި ބައެއް ހާލަތްތަކުގައި ބައޮމެޓްރިކްސް ނެގުމަށާއި އިންޓަވިއުއަށް، ޚުދު ވިސާއަށް އެދޭ ފަރާތް ހާޟިރުވާންޖެހުންވެސް ހިމެނެއެވެ. އެހެންކަމުން، އެކަށީގެންވާ ވަގުތު އޮއްވައި ވިސާއަށް އެދި ހުށައެޅުމާއި، ލިޔެކިޔުންތައް ފުރިހަމަކުރުމާއި، ދުރާލައި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ހަމައެއާއެކު، މި މިނިސްޓްރީ މެދުވެރިކޮށް ވިސާ އެޕްލިކޭޝަނާއި ޕާސްޕޯޓު ފޮނުވަންޖެހޭ ޙާލަތްތަކުގައި، ވިސާ ޕްރޮސެސްކުރުމަށް މިނިސްޓްރީގެ ޑިޕްލޮމެޓިކް ޕައުޗުގައި ޕާސްޕޯޓު ފޮނުވުމާއި އަނބުރާ ގެނައުމަށްވެސް ވަގުތު ހޭދަވާތީ މިކަމަށް ސަމާލުވުމަކީ ވަރަަށް މުހިއްމު ކަމެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!