އެންމެން އާނ ބަސް ކިޔައި، އެކަމަށް މަސައްކަތް ކޮށްގެން ނޫނީ މަގުމަތީގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހަފްތާ ފާހަގަ ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ކަމާ ގުޅުންހުރި މުވައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާ ރޯޑް ސޭފްޓީ ފެއަރ ފަށްޓަވައި ދެއްވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ފެށްޓެވި އެއް މަސައްކަތްތަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ކިތަންމެ ދުވަހެއް ފާހަގަ ކުރިނަމަވެސް، ކަމަށް ދޭންވާ ސަމާލުކަން ނުދީ މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރު ނުކުރެވޭނެ ކަމަށާއި، އެންމެން އާނ ބަސް ކިޔައި، އެކަމަށް މަސައްކަތް ކޮށްގެން ނޫނީ މަގުމަތީގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމަށެވެ.
މަގުމަތީގެ ޤަވައިދަށް ޢަމަލު ކުރުމަށް ތުއްތު ކުދިންނަށް ނަމޫނާ ބަޔަކަށް ބޮޑެތި މީހުން ވާންޖެހޭކަން ފާހަގަ ކުރައްވައި ނައިބު ރައީސް ވިދާޅުވީ ކުޑަ އަޒުމަކާއެކު މިކަން ކުރެވިދާނެ ކަމަށެވެ.
އެޗްޕީއޭގެ ރޯޑް ސޭފްޓީ ފެއަރ ގައި ވާހަކަ ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސްސަ މައިމޫނާ އަބޫބަކުރު ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ވެސް ރާއްޖޭގައި 1154 އެކްސިޑެންޓް ހިނގާފައިވާ ކަމަށެވެ.
އެހެން ކަމުން ހަފްތާއަކަށް ދެމިގެންދާ މި ޙަރަކާތުގެ ތެރެއިން ތިމާވެއްޓަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމަށް ބައިސްކަލު ދުއްވުމަށް މީހުން އަހުލުވެރި ކުރުމާއި، މަގުމަތީގެ ގަވައިދުތައް ކިޔައިދިނުމާއި، ފަސްޓް އެއިޑް ދޭނެގޮތާއި ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ މަޢުލޫމާތު ދެވޭނެ ކަމުގައި މައިމޫނާ ވިދާޅުވިއެވެ.
މީގެއިތުރުން ކަމާ ގުޅޭ އެކި ދާއިރާތައް ގުޅިގެން ބާއްވާ ޕެނަލް ޑިސްކަޝަނަކާއި މި އިވެންޓްގެ ތެރެއިން ބާއްވާ ލަކީޑްރޯއަކުން ހޮވޭ ފަންސާސް ހަތަރު މީހަކަށް ހެލްމެޓް ހަވާލު ކުރުންވެސް އޮންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!