އުތުރުގެ 3 އަތޮޅަށް އަމާޒުކޮށްގެން ދަނޑުވެރިކަމުގެ މައުރަޒެއް ބޭއްވުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަ ކޮށްފިއެވެ.
ރީޖަނަލް އެގްރި ބިޒްނަސް އެގްޒިބިޝަންގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މައުރަޒު އޮންނާނީ މިމަހުގެ 18 ވަނަ ދުވަހު ހދ. ހަނިމާދޫގައެވެ.
މިއީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ޙަރަކާތެކެވެ.
މި މައުރަޒުގައި ހއ އަތޮޅާއި ހދ، އަތޮޅުގެ އިތުރުން ށ އަތޮޅު ބައިވެރި ކޮށްފައި ވެއެވެ.
މި މައުރަޒުގައި މި 3 އަތޮޅުން 20 ރަށެއްގެ ދަނޑުވެރިން ބައިވެރިވާއިރު، ކޮންމެ ރަށަކުން 3 މީހުން ބައިވެރި ވާކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ހާމަ ކުރައްވައެވެ.
އެގްޒިބިޝަންގެ ތެރެއިން ކޮންމެ ރަށަކަށް ސްޓޯލެއް ދީފައި ވާއިރު، މި ސްޓޯލްތަކުގައި އެރަށްރަށުގައި ހައްދާ ވިއްކާ ދަނޑުވެރިކަމުގެ ބާވަތްތައް ދައްކާ ލެވޭނެއެވެ.
މި އެގްޒިބިޝަންގައި ދަނޑުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސަޕްލަޔަރުންނާއި، ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަ ރިސޯޓްތަކާއި ދަނޑުވެރިކަން ކުރާ ފަރާތްތައް ވެސް ބައިވެރި ވެފައި ވެއެވެ.
މި މައުރަޒުގެ ބޭނުމަކީ ރާއްޖޭގެ ދަނޑުވެރިންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދީ މާކެޓް ހޯދައިދިނުން ކަމަށް ފިޝަރީޒް މިނިސްޓްރީންހާމަ ކުރައްވާފައި ވާއިރު، އެގްޒިބިޝަނުގެ ތެރެއިން ގުޅުންތައް ބަދަހިވެ ސަޕްލަޔަރުންނާއި ވާހަކަ ދެކެވި ވިޔަފާރި ގުޅުންތައް ޤާއިމްކޮށް ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓްރީން އުއްމީދު ކުރައްވައެވެ.
1 ދުވަހަށް ކުރިއަށް ގެންދާާ މި އެގްޒިބިޝަންގެ ތެރެއިން ރިސޯޓްތަކުން ތަކެތި ގަންނައިރު އެމީހުން ބޭނުންވާ ކޮލެޓީތައް ދެނެގަނެވޭނެއެވެ.
އަދި ތިމާވެއްޓާއި ރަހުމަތްތެރި ދަނޑުވެރިކަން ކުރާނެ އާލާތްތައް ހޯދޭނެ ގޮތްތައްވެސް ދަނޑުވެރިންނަށް ބުނެދޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!