"މޯލްޑިވްސް ހެލްތު ސަރވިސަސް" ގެ ނަމުގައި އާ އިދާރާއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މި އާ އިދާރާ އުފެއްދެވުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
މޯލްޑިވްސް ހެލްތު ސަރވިސަސްގެ ނަމުގައި އާ އިދާރާއެއް މި އުފައްދަވަނީ ޕްރައިމަރީ ހެލްތުކެއަރ ދިނުމަށާއި ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް ލާމަރުކަޒީ އުސޫލުން ހިންގުމަށާއި ޞިއްޙީ ދާއިރާއިން ފަންނީ މީހުން ބިނާކޮށް އެމީހުންގެ ހުނަރު އިތުރު ކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ހާމަކުރައްވާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!