ކުވައިތުގެ އަލްޖެރީ ހޯލްޑިންގ ގުރޫޕުން ހުޅުމާލޭގައި އަޅާ، އަޖިއަލް ބައިލިންގުއަލް ސްކޫލްގެ ބިންގާ މިއަދު އަޅައިފިއެވެ.
ހުޅުމާލޭގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި އެ ސްކޫލްގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.
މި ސްކޫލަކީ، އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާއި އެކު ކިޔަވައިދެވޭނެ ވަޞީލަތްތައް ޤާއިމްކޮށްގެން، އިނގިރޭސި މީޑިއަމް އާއި ޢަރަބި މީޑިއަމްއަށް ކިޔަވައިދޭނެ ސްކޫލެކެވެ. އަދި މިސްކޫލަކީ ޕްރީސްކޫލް އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައިވާ އިންޓަރނޭޝަނަލް ސްކޫލެކެވެ.
އަލްޖެރީ ހޯލްޑިންގ ގުރޫޕުން މި ސްކޫލު ތަރައްޤީ ކުރާނީ ދެފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ސްކޫލު ހުޅުވާއިރު، ފުރަތަމަ ކިޔައިވައިދޭން ފެށުމަށް ހަމަޖައްސާފައި ވަނީ ޕްރީ ސްކޫލާއި އަދި ޕްރައިމަރީ ގްރޭޑްތަކަށެވެ.
މި ސްކޫލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ހުޅުމާލޭގައި އިތުރު 5 ސްކޫލެއް އެޅުމުގެ މަސައްކަތް މިހާރުވެސް އެކި މަރުހަލާތަކުގައި ކުރިޔަށްދާކަން ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ދެޕްރީސްކޫލު ވެސް ހިމެނޭކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ނައިބު ރައީސް ވަނީ، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި، އަދި ދަރިވަރުންނަށް އުނގެނުމުގެ ތަޖުރިބާތައް އިތުރުކޮށްދީ، ވަށައިޖެހޭ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށް ދިިނުމަށްޓަކައި، ސަރުކާރުން އަލްޖެރީ ހޯލްޑިންގ ގުރޫޕާއިއެކު މިއަދު ކުރިޔަށް އެޅީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، މިސަރުކާރުން ތަޢުލީމީ ދާއިރާއިން، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި އެކު ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ވެސް ނައިބު ރައީސް ފައިސަލް ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!