ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އަކީ ލާމަރުކަޒީ ތަރައްގީގެ މައިބަދަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިޙް މިހެން ވިދާޅުވީ، "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް މިއަދު ފެށުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

Ad
rt

މިޓްވީޓުގައި ރައީސް ވިދާޅުވީ މި ޖަޒީރާތަކުގެ އެއް ރަށް އަނެއް ރަށާއި ގުޅި، އިޖްތިމާޢީ އަދި އިޤްތިޞާދީ އެކަހެރިކަން ފިލައި، ހުރިހާ ރަށެއްގެ އިޤްތިޞާދު، ޤައުމީ އިޤްތިޞާދާ ލާމެހި ތަނަވަސްވާނީ މި ފެރީ ނިޒާމުން ކަމަށެވެ.

"މިއީ އަޅުގަނޑުމެން އެދޭ ލާމަރުކަޒީ ތަރައްޤީގެ މައިބަދަ"

ރައީސް ވިދާޅުވި އެވެ.

އާރްޓީއެލްގެ ހިދުމަތް އެންމެ ފުރަތަަމަ ފެށީ ޒޯން އެކެއްގައި ހިމެނޭ ހދ. އަތޮޅުގެ ރަށްތަކަށެވެ. ހދ. އަތޮޅުގެ ރަށްތަކަށް ލޯންޗް ފެރީގެ އަގުތައް އުޅެނީ ދެކޮޅަށް، 65 ރުފިޔާ އާއި 200 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

މި ހިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސަލާމަތާއި ފަސޭހައަށް ވިސްނައި ފަރުމާކޮށް ބަނދެފައިވާ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އާރްޓީއެލްގެ ޕެސެންޖާ ފެރީ ގުޅާލެވިގެންދަނީ ތަފާތު ތިން ގޮތަކަށެވެ. އެއީ ކޮމިއުޓް ލިންކް، ނޮން ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކެވެ.

ކޮމިއުޓް ލިންކަކީ ކައިރި ރަށްތައް ގުޅުވައިދޭ ކުރު ދަތުރުތަކަށް ހާއްސަ ލިންކެވެ. ނޮން ކޮމިޓް ލިންކަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހަމަޖައްސާފައިވާ ލިންކެވެ. ހައިވޭ ލިންކަކީ އެއް ރީޖަންގެ ދަތުރުފަތުރުގެ ހަބް އާއި އަނެއް ރީޖަންގެ ދަތުރުފަތުރުގެ ހަބް ގުޅުވައިދޭ ލިންކެވެ.

އާރްޓީއެލްގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށާފައިވާއިރު، މިއަދުން ފެށިގެން އެ ނިޒާމުގައި ހިމެނޭ ފެރީތަކުން ދަތުރުކުރެވޭނީ ޓިކެޓް ނަގައިގެންނެވެ. ޓިކެޓް ނަގަން ހާއްސަ އެޕްލިކޭޝަނެއް ތައާރަފްކޮށްފައިވާއިރު، އާރްޓީއެލްގެ ވެބް ޕޯޓަލް މެދުވެރިކޮށްވެސް ޓިކެޓު ނެގޭނެއެވެ.

މި ފެރީތަކުން ތިން އަހަރުން ދަށުގެ ކުދިންނަށް އަގު ނުނަގާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ކޮންމެ ފަސެންޖަރަކާއެކު ދަތުރު ކުރެވޭނީ 3 އަހަރުން ދަށުގެ އެއް ކުޑަ ކުއްޖަކަށެވެ.

އެ މަޝްރޫއަށް 800 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.