ހއ.ދިއްދޫގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ ޖޫނިއަރ ކޮލެޖުގެ ޕްރޮޖެކްޓް ސައިޓް ކޮންޓްރެކްޓަރާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި މިސައްކަތް ހަވާލު ކޮށްފައިވަނީ ކޮންޓްރެކްޓްކުރެވިފައިވާ ފަރާތް ކަމުގައިވާ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.

Ad
rt

މިކަމަށްޓަކައި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރާއި ކޮންޓްރެކްޓަރ އަދި ރަށު ކައުންސިލްގެ މެމްބަރުންނާއި ސްޓާފުން ހިމެނޭހެން 'ސައިޓް ހޭންޑް-އޯވަރ މީޓިންގ' އެއް ދިއްދޫގެ ކައުންސިލް އިދާރާގައިވަނީ ބާއްވާފަ އެވެ. އަދި ޕްރޮޖެކްޓް ސައިޓަށް ޒިޔާރަތްކޮށް ޕްރޮޖެކްޓް ސައިޓުގެ މަޢުލޫމާތު ކޮންޓްރެކްޓަރަށް ދިނުމާއި، މަސައްކަތް ފަށައިގަތުމަށް ވާންޖެހޭ ތައްޔާރީތަކާގުޅޭ ގޮތުން މަޝްވަރާ ކުރެވި، ސައިޓް ހޭންޑްއޯވަރ ނޯޓުގައި ސޮއިކުރެވުނެވެ.

ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން ހއ. ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. މި މަސައްކަތް ނިންމުމަށް ވީ އަވަރ އިންވެސްޓްމެންޓާ ހަވާލު ކުރެވިފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން ދިއްދޫގައި ހިންގާ މަޝްރޫޢުއެކެވެ. މިއީ މި ސަރަހައްދުގައި އެޅޭ އެންމެ ބޮޑު ތައުލީމާ ގުޅޭ މަރުކަޒެވެ.

ދިއްދޫގައި ބިނާކުރާ މި ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެ އެވެ.

މި ޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 30،000 އަކަފޫޓްގެ ޖާގައިގައެވެ. މި ޕްރޮޖެކްޓް ހުރިހާ ފޭސްއެއް ނިމޭއިރު އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެ އެވެ. މި ޖޫނިއަރ ކޮލެޖުގައި ފުޑް ޕްރޮސެސިންގ ލެބަކާއި، ފުޑް ޓެސްޓިންގ ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެ އެވެ.

މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު އަސާސީ ޚިދުމަތްތައް (ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓް ފަދަ ކަންކަން) ވެސް ހިމަނާފައިވާނެ ކަމަށް ހަޔާ އެޑިޔުކޭޝަނުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.