އިމާމުންނާއި ޚަޠީބުން ރާއްޖެއިން ބޭރުން ތަމްރީނު ކުރަން ފަށަން އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުންނާއި ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިކަން ހާމަ ކުރައްވައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އިމާމުންނާއި ޚަޠީބުންނަކީ ޤާބިލް ބަޔަކަށް ހެދުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭން ޖެހޭކަމަށެވެ.

Ad
rt

އެގޮތުން އެ ފުރުޞަތު ފަހިކޮށް ދިނުމުގެ ގޮތުން ތަމްރީނު ތަކަށް ރާއްޖެއިން ބޭރަށް އިމާމުންނާއި ޚަޠީބުން ފޮނުވުމުގެ މަސައްކަތް ލަސްތަކެއްނުވެ ފައްޓަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރުގެ ވާހަކަފުޅުގައި މިފަދަ ކޯސްތަކާއި، ތަމްރީނުތައް ހިންގުމުގެ އެންމެބޮޑު ބޭނުމަކީ ތަމްރީނު ތަކުގައި ބައިވެރިވާ ބޭފުޅުންނަކީ ޤާބިލް ބަޔަކަށް ހެދުން ކަމަށާއި އިތުރު ފުރުސަތުތައް ފަހިކޮށް ދިނުމަށް، ރާއްޖެއިން ބޭރުން ފުރުސަތު ދެވޭ ބޭފުޅުން ހޮވާއިރު ރާއްޖޭގައި ހިންގާ މިފަދަ ޕްރޮގްރާމް ތަކުގައި ބައިވެރިވާ މިންވަރަށް ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނާއި މުޚާތަބު ކުރައްވާ މިނިސްޓަރ ވިދާޅުވީ ކޮންމެ ކަމެއް ކުރާއިރުވެސް ޤުރުބަނީތަކެއް ވާންޖެހޭ ކަމަށާއި ޤުރުބާނީތަކެއް ނުވާނަމަ ނަތީޖާ ނުލިބޭނެ ކަމަށެވެ. މިފަދަ ތަމްރީނުތައް ކުރިއަށް ގެންދެވޭއިރު، ތަމްރީނު ތަކުގައި ބައިވެރިވާން އެ ހޭދަވާ ވަގުތާއި ކަންކަމަކީ ވަރަށް ބޮޑު ޤުރުބާނީއެއް ކަމަށާއި އެފަދަ ޤުރުބާނީތަކެއް ވެގެން މެނުވީ ކާމިޔާބު މީހަކަށް ނުވެވޭނެކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އިމާމުންނާއި ޚަޠީބުން އިތުރަށް ކުރިޔަށްދާން ބޭނުންވާނަމަ އެ ބޭފުޅުންނަކީ ރަނގަޅު، ޤާބިލް، ހުނަރުވެރި ބަޔަކަށް ހަދަން ބޭނުންވާ ކަމަށެވެ.

އިމާމުންނާއި ޚަޠީބުންނަކީ ރައްޔިތުން ބަލައިގަންނަ ބަޔަކަށް ހަދަން ސަރުކާރުން ބޭނުފުޅުވާ ކަމަށާއި އެހެންކަމުން އެ ބޭފުޅުންނަށް މިފަދަ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މި އެހީތެރިކަން އެބޭފުޅުންގެ ފަރާތުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިމާމުންނާއި ޚަޠީބުންނަކީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާ ބަޔަކަށް ވުމާއި، މިސްކިތަކީ މުޤައްދަސް ތަނަކަށް ވާއިރު، އާންމުން، އިމާމެއްގެ ކިބައިން ފެންނަން ބޭނުންނުވާ، ނުވަތަ އިމާމަމަށްވާތީ ބަލައިނުގަންނަ ކަންކަމުން އިމާމުން ދުރުހެލިވުމަށް މިނިސްޓަރވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ފުވައްމުލައް ސިޓީގައި އިމާމުންނާއި ޚަޠީބުން ތަމްރީނުކުރުމަށް، މިމަހުގެ 09 އަކުން 3 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 38 ފަރާތަކުން ބައިވެރިވިއެވެ.

މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދެއްވާފައިވަނީ ތަޖުވީދު، ހުކުރު ޤަވާޢިދާ އުސޫލު، ސިވިލް ސާވިސްގެ ޤަވާޢިދާ އުސޫލު، މަސައްކަތުގެ އަޚްލާޤާއި އެހެން މީހުންނާއި މުޢާމަލާތްކުރުން، ނަމާދުގެ ޙުކުމްތައް އަދި ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތްތަކާ ބެހޭގޮތުންނެވެ.