ރާއްޖޭގެ އެހެން ހުރިހާ ކައުންސިލުތަކާ ޚިލާފަށް ހއ. ދިއްދޫ ކައުންސިލު ރައީސަށް ވޯޓުލުމުގެ ފުރުޞަތު އެލްޖީއޭއިން ހަނިކޮށްފި އެވެ.
މިކަން ހާމަކުރައްވައި އެލްޖީއޭއިން ދިއްދޫ ކައުންސިލަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިޖުރާޢީ ޤަވާޢިދުގެ 101ވަނަ މާއްދާގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، ނުވަތަ ޤަވާޢިދުގައި ބުނާއެއްޗެއް މާނަކުރުމުގައި ޚިލާފު އުފެދިއްޖެނަމަ، އެކަމުގައި ގޮތްނިންމާނީ އެލްޖީއޭގެ ބޯޑުންކަން ބަޔާންކޮށްފައި ވާކަމަށެވެ. އަދި މިފަދަ ޙާލަތެއްގައި އެލްޖީއޭގެ ބޯޑުން ނިންމާ ނިންމުމަކީ ޤަވާޢިދުގެ ބައެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ.
އެހެންކަމުން ރިޔާސަތުން ވޯޓުގައި ބައިވެރި ވުމާގުޅޭގޮތުން އެލްޖީއޭގެ މިއަހަރުގެ 5 ވަނަ ބޯޑު ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމާފައިވަނީ، ރިޔާސަތުން ވޯޓުގައި ބައިވެރިވާންވާނީ ވޯޓު އެއްވަރުވެއްޖެ ޙާލަތުގައި އެކަނި ކަމަށް އެލްޖީއޭއިން ދިއްދޫ ކައުންސިލަށް އަންގާފައިވެއެވެ.
އެހެންނަމަވެސް މުޅި ކައުންސިލުގެ އަޣުލަބިއްޔަތުން ނިންމަންޖެހޭ ކަންކަމުގައި އެއްވޯޓު މަދުވެގެން ފާސްނުވާ ޙާލަތްތަކުގައި ރިޔާސަތަށް ވޯޓުގައި ބައިވެރި ވެވިދާނެ ކަމުގައި އެލްޖީއޭގެ އެންގުމުގައި ވެއެވެ.
އެލްޖީއޭގެ ބޯޑުން މިފަދަ ނިންމުމެއް ނިންމާފައިވަނީ ރިޔާސަތުން ވޯޓުގައި ބައިވެރިވާތީ ކަމަށްބުނެ ދިއްދޫ ކައުންސިލުގެ ޖަލްސާތައް ކުރިޔަށް ނުގެންދެވި ހަތަރު މަހެއްހާ ދުވަސް ފާއިތުވެފައި ވަނިކޮށެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި އެލްޖީއޭއިން ދިއްދޫ ކައުންސިލަށް ފޮނުވި ހަތަރު ސިޓީއެއްގައި، ރިޔާސަތަށް ވޯޓުގައި ބައިވެރިވެވޭނެ ކަމަށް ވަނީ އަންގައިފަ އެވެ. މީގެ އިތުރުން ރައްޔިތުންނާ ގުޅޭ ނިންމުންތަކުގައި ރައްޔިތުން ހޮއްވަވާފައިވާ ކައުންސިލުގެ ރައީސް ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އެލްޖީއޭ އިން ފާހަގަ ކުރައްވާފައި ވެއެވެ.
އެލްޖީއޭގެ ގާނޫނީ ވަކީލު އަބްދުލް މުއުމިން މީގެކުރިން ބައެއް މީޑިޔާތަކުގައި ވިދާޅުވެފައިވަނީ ކައުންސިލުތަކުން އަމަލުކުރަމުން އަންނަ އުސޫލަކީ ކައުންސިލް ބައްދަލުވުންތަކުގައި ނިންމާ ނިންމުންތަކުގައި ރައީސަށް ވެސް ބައިވެރިވުން ކަމަށާއި، އެކަން ދިއްދޫ ކައުންސިލަށް އެންގުމުން، އެކަމާ ގުޅިގެން އެލްޖީއޭގެ ބޯޑުގެ ނިންމުމެއް ހިއްސާކުރަން ކައުންސިލުން އެދުނު ކަމަށެވެ. އެހެންކަމުން އެ ނިންމުން ވެސް ދިއްދޫ ކައުންސިލާ ހިއްސާ ކޮށްފައި ވާއިރު، އެ ނިންމުމުގައި އޮންނަނީ ލާމަރުކަޒީ ނިޒާމުގައި އޮންނަ އުސޫލުތަކަށް ބަލާއިރު، ކައުންސިލް ބައްދަލުވުން ތަކުގައި ނަގާ ވޯޓުގައި ރިޔާސަތަށް ފެންނަ ގޮތަކަށް ވޯޓު ދެވޭނެ ކަމަށް ކަމުގައި އެލްޖީއޭގެ ޤާނޫނީ ވަކީލުވެސް ވިދާޅުވެފައި ވެއެވެ.
ނަމަވެސް ކުއްލި ގޮތަކަށް އެލްޖީއޭގެ ނިންމުން މިވަނީ ބަދަލުވެފައެވެ.
މިފަދަ ނިންމުމެއް ދިއްދޫ ކައުންސިލާމެދު ނިންމާފައިވާއިރު، އެހެން އެއްވެސް ކައުންސިލަކަށް އެލްޖީއޭއިން މިފަދަ އެންގުމެއް އެންގިކަން ހާމަކުރައްވާފަައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!