އަންނަ ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވްގައި ކާޑާއި ތެލާއި ބޭހުގެ ފައިސާ ހުންނާނެކަމަށް ލަފާކުރެވޭ އަދަދުގެ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވައިފިއެވެ.

ނިކަންކަން އޮޅުން ފިލުވުމަށް، ފިނޭންސް މިނިސްޓަރު އިބުރާހީމް އަމީރާ ކުރެއްވުމަށް އީވާ މިއަދު ވަނީ ސުވާލެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ. މިސުވާލުގައި، މި ޖޫން މަސް ފެށުނުއިރު ދިވެހިރާއްޖޭގެ ބޭރުފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައިހުރީ 317 މިލިޔަން ޑޮލަރު ކަމުގައި ވިދާޅުވެފައި ވެއެވެ.

Ad
rt

މީގެ އިތުރުން މިހިނގާ ޖޫންމަހާއި ކުރިޔަށްއޮތް ޖުލައިމަހު 130 މިލިޔަން ޑޮލަރަށްވުރެ ބޮޑު ޢަދަދެއް ދަރަނި އަނބުރާ ދެއްކުމަށް ހޭދަކުރަން ޖެހޭއިރު، މި ދެމަހުގެ ބަޖެޓު ޑެފިސިޓުވެސް 150 މިލިޔަން ޑޮލަރަށް އަރާކަމުގައި އީވާ ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ދައުލަތުގެ މާލީކަންކަން މިހެން ހުރިއިރު އަންނަ ޖުލައިމަސް ނިމޭއިރު، ސަރުކާރަށް ބޭނުން ކުރެވޭގޮތަށް ދައުލަތުގެ ރިޒާވްގައި ހުންނާނީ ކިހާ ދުވަހެއްގެ ކާޑާއި، ތެލާއި ބޭހުގެ ފައިސާތޯ ސާފުކުރެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައި ވެއެވެ.

ދައުލަތުގެ މާލިއްޔަތާ ގުޅޭގޮތުން މިފަދަ ސުވާލެއް ކުރައްވަން އީވާ ހުށަހަޅުއްވާފައި ވާއިރު، އެމެރިކާގެ ޖޭޕީ މޯގަން ބެންކުންވެސް ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަނުކޮށްފިނަމަ ރާއްޖެ ބަނގުރޫޓު ވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

އެހެންނަމަވެސް ފިނޭންސް މިނިސްޓްރީން މިކަން ދޮގު ކުރައްވާފައިވާއިރު، އިންޑިޔާގެ އެގްޒިމް ބޭންކުންވެސް ބުނެފައިވަނީ ރާއްޖެ ބަނގުރޫޓުވުމުގެ ބިރެއް ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ މެންބަރުންގެ ވިސްނުން މި މައްސަލައިގައި ދެކަފި ވެފައިވާއިރު، މަޖިލީހުގެ ރައީސާ ނައިބު ރައީސް ހިމެނޭ ފެކްޝަނުގެ ވިސްނުން އެމެރިކާގެ ޖޭޕީ މޯގަން ބެންކުގެ އިންޒާރާ ދިމާވެއެވެ.

އެހެން ނަމަވެސް ސަރުކާރަށް ތާއީދުކުރާ ރައީސް ސޯލިޙުގެ ފެކްޝަނަށް ނިސްބަތްވާ މެންބަރުންނަށް ބުރަވެވެނީ އިންޑިޔާގެ އެގްޒިމް ބޭންކުގެ ރައުޔަށެވެ.