މި އަހަރު ރާއްޖެ އަށް ލިބުނު ހައްޖު ކޯޓާގެ ތެރެއިން އާންމުކޮށް ހުުވާލައިގެން ޙައްޖަށް މީހުން ގެންދާ 100 ފުރުސަތުގައި ހައްޖަށްދާނެ މީހުން ހޮވައިފިއެވެ.

ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ މި 100 ކޯޓާ އަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ބޭއްވުނު ގުރުއަތުލުމުން ހޮވުނު ފަރާތްތަކުގެ ލިސްޓް އާންމު ކޮށްފައެވެ.

Ad
rt

އެހެންކަމުން ގުރުއަތުން ހޮވިފައިވާ 100 ފަރާތުން ޙައްޖަށް ގެންދިއުމަށް ކަނޑައަޅާފައިވާ އަގު ކަމުގައިވާ 76,960 ރުފިޔާ، އަންނަ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ދެއްކުމަށް ހައްޖު ކޯޕަރޭޝަނުން އެދިވަޑައިގެންފައި ވެއެވެ.

ގުރުއަތުން ހޮވިފައިވާ 100 ފަރާތުގެ ތެރެއިން ފަރާތެއް އެއްވެސް ސަބަބަކާ ހުރެ ޙައްޖަށް ދިއުމަށް އުޒުރުވެރި ވެއްޖެނަމަ، ވެއިންޓިން ކިއޫގެ ގޮތުގައި ގުރުއަތުން ހޮވިފައިވާ 25 ފަރާތަށްވެސް ޖާގަ ހުސްވާ ތަރުތީބުން ޖާގަ ދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ރާއްޖެ އަށް މި އަހަރު ލިބުނު 453 ޖާގަވެސް ލިބިފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ.

އޭގެތެރެއިން 100 ޖާގަ އާންމުންނަށް ހާއްސަ ކޮށްފައިވާއިރު 352 ޖާގައެއް ވަނީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މި ވަގުތު ތިބި މީހުންނަށް ހާއްސަކޮށްފަ އެވެ.

މިއަހަރު ފުރަތަމަ ބުރުގައި ޙައްޖަށްދާ 157 މީހުން މި މަހުގެ 26 ވަނަ ދުވަހު ފުރާނެ އެވެ. މިއަހަރުގެ ހައްޖުގެ އަޅުކަން ފެށޭނީ ކަލަންޑަރުގައިވާ ގޮތުން އަންނަ މަހުގެ 7 ގަ އެވެ.