ހދ. ކުމުންދޫގެ އެންމެ މަޤުބޫލު އެއް މަންޒިލެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ނޭޗަރ ޕާކް “ވެހިސަރާ” ގައި ބަޔަކު އަލިފާން ރޯކޮށްލައިފި އެވެ.
ކުމުންދޫ ކައުންސިލުން ބުނީ މި ހާދިސާ ހިނގާފައިވާ ކަމަށް ބެލެވެނީ ރޭގެ ފަތިހުގެ ވަގުތުގައިކަމަށެވެ. މިމައްސަލަ މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތައް ހުށަހެޅިފައިކަމަށް އެކައުންސިލުން ބުނެއެވެ.
“ވެހިސަރާގައި ބަޔަކު މީހުން އަލިފާން ރޯކޮށްލުމީ ވަރަށް ނާތަހުޒީބު އަމަލެއް. މިއީ މި ޖަމިއްޔާއިން އެތައް ފައިސާއެއް އަދި އެތައް ވަގުތެއް ހޭދަކޮށްގެން ރަށުގެ ރައީތުންނަށް ހަދިޔަކުރި ޕާކެއް. އަދު ތިޔަވަނީ އަންދައި އަޅިއަށް ހަދާފައި”
ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި މި ފިނޑި އަމަލު ކުއްވެރިކުރަމުން ބުނެފައި ވެއެވެ.

“ވެހިސަރާގައި ބަޔަކު މީހުން އަލިފާން ރޯކޮށްލުމީ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއް! މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން! އަދި ކަމާބެހޭ އިދާރާތަކުން މި މައްސަލަ ބަލާ މިކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލަން!”
އެރަށުގެ ޒީރު ސްޕޯރޓްސް އިން ބުނެފައި ވެއެވެ.

އެރަށުން “ތިލަދުން” އާއި ވާހަކަ ދެއްކި މީހަކުބުނީ ރޯކޮށްލާފައިވަނީ ކަނޑޫފަލުގައި އިމާރާތް ކޮށްފައިވާ ހަޓުގައި ކަމަށެވެ. މިހާދިސާގައި މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް ހަޓް ބޭނުން ނުކުރެވޭވަރަށް ވަނީ ހަލާކުވެފަ އެވެ.

"ވެހިސަރާ ނޭޗާ ޕާކް" އަކީ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އެރަށު ކަނޑޫފަލުގައި ތަރައްޤީ ކޮށްފައިވާ ޕާކެކެވެ.
މި ޕާކުގެ ފެންގަނޑު މެދުގައި ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލުމަށް ހަޓަކާއި އަދި ހަޓަށް ދިޔުމަށް 60 ފޫޓު ދިގުމިނުގެ ފާލަމަކާއި، ކަނޑޫފަލުގެ ފެންގަނޑު ހުރަސް ކުރުމަށް 12 ވަރަކަށް ފޫޓްގެ ބުރިޖެއް އަޅާފައިވެއެވެ. އަދި އުނދޯއްޔާއި ލަކުޑި ބެންޗްތައް ވެސް އެތަނުގެ ބެހެއްޓިފައި ހުރެއެވެ. އަދި އެތަން ތަރައްޤީ ކޮށްފައިވަނީ ކުޅީގެ ހިތްގައިމުކަން ބަލައިލުމަށް ކެނޯވެސް ދުއްވާލެވޭ ގޮތަށެވެ.
މި ޕާކް 05 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ފަހު ވަނީ ކުމުންދޫ ކައުންސިލާއި ހަވާލުކޮށްފައެވެ.
ކުރިން އަޅާނުލެވި ދޫކޮށްލެވިފައި އޮތް ކުމުންދޫގެ ކުޅި ޕާރކެއްގޮތުގައި ތަރައްޤީކޮށް، 330447 އަކަފޫޓްގެ އެސަރަހައްދު ހިމާޔަށްކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!