ހދ. ކުމުންދޫ "ވެހިސަރާ": ކުމުންދޫ ކުޅި ސަރަހައްދުގައި އާދައިގެ ހަޓެއް އެޅުމަށް ފެށި މަސައްކަތް ފުޅާވަމުންގޮސް ކުމުންދޫގެ ހާއްސަ ލޭންޑް މާކް އަކަށް "ވެހިސަރާ" ބަދަލުވެގެން ދިޔައީ ކުމުންދޫގެ ޒުވާނުންތަކެއްގެ މިންނަތް މަސައްކަތުންނެވެ.
ކުރިން އަޅާނުލެވި ދޫކޮށްލެވިފައި އޮތް ކުމުންދޫގެ ކުޅި ސަރަހައްދު ފުރިހަމަ ޕާރކެއްގޮތުގައި ތަރައްޤީކޮށް މިހާރު އެވަނީ އަތް ދޫކޮށްލާފައެވެ. ކުމުންދޫ ރައްޔިތުން ފަހުރުވެރިވާ ފަދަ ތަނެއްގެ ގޮތުގައި އެމަސައްކަތްކޮށް ނިންމާލިއިރު އެތަން ފެނި މުޅި ރާއްޖެވެސް ވަނީ އާޝޯހުކޮށްލުވާފައެވެ.

މިމަސައްކަތް ފެށުނީ ކިހިނެއް؟
ކަނޑޫފަލުގައި ކުޑަވަރެއްގެ ހަޓެއް އެޅުމުގެ ހިޔާލު ކުރެވި ޒުވާނުންތަކެއްގެ އިސްނެގުމުގެ މަތިން މަސައްކަތް ކުރުމަށް ފެއްޓުނެވެ. ދުވަސްވަރަކީ ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން ރިސޯޓްތަކުގައި މަސައްކަތް ކުރާ ތަފާތު ހުނަރުވެރިން ރަށުގައި ތިބި ދުވަސްވަރެއްކަމުގައިވުމުން މިމަސައްކަތް އިތުރަށް ފުޅާ ކުރުމުގެ ހިޔާލަށް ގިނަ ބަޔަކު ތާއީދުކޮށް މަސައްކަތް ފަށައިގަތެވެ. މިއީ މިމަސައްކަތުގައި އިސްކޮށް އުޅުއްވި ބޭފުޅެއް ކަމުގައިވާ އަލީހުސައިންގެ ވާހަކައެވެ.

"ވެހިސަރާ" ކިޔުނީ ކީއްވެ؟
ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އެރަށު ކުޅީގައި ތަރައްޤީކުރި ނޭޗަރ ޕާރކަށް އެބޭފުޅުން ދީފައިވާ ނަމަކީ "ވެހިސަރާ"އެވެ. "ވެހި" މާނައަކީ "ތަނުގެ މާހައުލު" މިއެވެ. "އަދި "މެހެމާންސަރާ" މަނައަކީ އަކީ "މެހެމާން ތިބެން ތައްޔާރުކުރާތަން" ތަނަށެވެ. މިދެބަސް އެއްކޮށްލައިގެން ކިޔާފައިވާ އެނަން އެބޭފުޅުން މާނަކުރަނީ "އެމާހައުލަށް ޒިޔާރަތްކުރާ މެހެމާނުން ތިބޭ ތަނެއް"ގެ ގޮތުގައެވެ. މިތަނަށް މިނަން ދީފައިވަނީ ބަސްކޮމެޓީގެ މެންބަރު އިޔާޒް ނަސީމްއެވެ.

ކުރިން އަޅާނުލެވި ދޫކޮށްލެވިފައި އޮތް ކުމުންދޫގެ ކުޅި ޕާރކެއްގޮތުގައި ތަރައްޤީކޮށް ނިންމާފައިވާއިރު އެތަނުގައި އެ ކުމުންދޫ ޒުވާނުންގެ މަސައްކަތުން ވަނީ ކުޅީގެ މެދުގައި 12 ފޫޓު 12 ފޫޓުގެ ހަޓެއް އަޅާފައެވެ. އަދި ހަޓަށް ދިޔުމަށް 60 ފޫޓު ދިގުމިނުގެ ފާލަމެއް ވަނީ ތަރައްޤީ ކުރެވިފައެވެ. ކުޅި ހުރަސްކުރުމަށް 12 ވަރަކަށް ފޫޓްގެ ބުރިޖެއް އަޅާފައިވާއިރު އުނދޯންޔަކާއި ލަކުޑިން ތައްޔާރުކޮށްފައިވާ ބެންޗުތައްވެސް އެތަނުގައި ބަހައްޓާފައިވެ އެވެ. އަދި އެތަން ތަރައްޤީ ކޮށްފައިވަނީ ކުޅީގެ ހިތްގައިމުކަން ބަލައިލުމަށް ކެނޯވެސް ދުއްވާލެވޭ ގޮތަށެވެ. މި މަސައްކަތައް ޖުމްލަ ދެ ލައްކައެއްހާ ރުފިޔާވަނީ ޚަރަދު ކޮށްފައިވާކަމަށް މައުޟޫމާތު ލިބެއެވެ. "ވެހިސަރާ"އަށް އިތުރު ހިތްގައިމުކަން ގެނައުމަށް އިތުރު ކަންކަން އެސަރަހައްދުގައި ކުރެވެމުންދިޔުމަކީ މިމުހިންމު މަސައްކަތްކުރި ޒުވާނުންގެ އަމާޒެވެ.

މަސައްކަތުގައި ހިތްވަރު ކުމުންދޫ އަންހެންވެރިންގެ ފަރާތުން:
މަސައްކަތް ހިނގަމުން ދިޔައިރު މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހަވީރު ސަޔާއި ނުވަގަޑި އަދި އެހެނިހެން ބިލެތް މީރު ކުރުން ފަދަ ކަންކަން ކުމުންދޫގެ އަންހެންވެރިންގެ ފަރާތުން ލިބިގެންދިޔައީ ވަރަށް ފޯރިއާއި ޖޯޝާއި އެކުގައެވެ.

ވަކި ވަކި ފަރުދުންނާއި ގެތަކުން އަދި ޖަމިއްޔާ ނުވަތަ ގްރޫޕްތަކުން ފޮނުވި ރަހަމީރު ކެއުން ވެގެންދިޔައީ "ވެހިސަރާ" ތައްޔާރުކުރުމުގައި ހަރަކާތްތެރިވި ޒުވާނުނަށް ލިބުނު އިތުރު ހިތްހަމަ ޖެހުމަކަށެވެ.

އެކަން "އެކުރި" ޖަމްޢިއްޔާގެ ރައީސް އަލީ ހުސެއިން ތިލަދުންނަށް ވާހަކަ ދައްކަވަމުން ފާހަގަ ކުރެއްވިއެވެ.
"ހަރުފުރާގެ މީހުންގެ ފަރާތުންނާއި ކަނބަލުންގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ލިބެމުން ދިޔަ. އާންމުކޮށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ފަށަނީ ހެނދުނު 8 ޖަހާއިރު. ބައެއް ދުވަސް ދުވަހު ރޭގަނޑު 9 ޖަހާންދެން ވެސް މަސައްކަތް ކުރިއަށްދިޔަ. މި މަސައްކަތް ކުރިޔަށްދާ ވަގުތު ތަކުގައި ކެއުމާއި ސައި ހަމަޖައްސައި ދިނުންފަދަ އެހީތެރިކަން ރަށުގެ އެކިއެކި ފަރާތްތަކުން ލިބެމުންދިޔަ." ކަމަށެވެ. އެހުރިހާ ފަރާތްތަކަށް އަލީ ހުސެއިން ޝުކުރު ދެންނެވީ ހިތުގެ ފުންމިނުންނެވެ.

މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު ކުމުންދޫގެ ބައެއް ޕޭޖްތަކުން އެކިފަރާތްތަކުން މަސައްކަތް ކުރާ ސަރަހައްދަށް ގެނެސްދެމުންދިޔަ ސަޔާއި ކެއުމުގެ އަޕްޑޭޓްތައް ދިޔައީ ވަރަށް ފުރިހަމައަށް ގެނެސްދެމުންނެވެ. އެ ފޮޓޯތައް ބަލާލުމުންވެސް އެމަސައްކަތް ހިނގަމުންދިޔަ ދުވަސްވަރު އެރަށުގައި އޮތް ޖޯޝާއި ފޯރި ސިފަވެގެންދާނެއެވެ. މަލާފަތުން ފެށިގެން ވަކި ވަކި ފަރުދުން ދިއްކޮށްލާ ބިސްކޯދާ ފުޅި ދަޅު އެއީ ރައްޔިތުންގެ ފަރާތުން އެމަސައްކަތް ކުރަމުންދިޔަ ޒުވާނުންނަށް "ޝުކުރިއްޔާއޭ" ބުނެލަން ދިން އެއްޗެކެވެ. އެކަމުގައި އެމީހުންވެސް ކޮންމެވެސް ސިފައެއްގައި ބައިވެރިވާކަން ދޭހަކޮށްދެން ދިއްކޮށްލި އެހީތެރިކަމެކެވެ.

ސަން ކާޕެންޓްރީ އާއި އަވި ޓެކްނޮލޮޖީ ގެ އެހީތެރިކަން ވަރަށް ބޮޑު:
ވެހިސަރާގެ ބޮޑު ބަޔަކީ ލަކުޑިން ކޮށްފައިވާ ކަވި މަސައްކަތްތަކެކެވެ، ހަޓުގެ އިތުރުން ފުރިހަމަ ފާލަމެއް ހެދުމުގައި ގިނަ އަދަދެއްގެ ލަކުޑި ބޭނުންކޮށްފައެވެ. އެމަސައްކަތުގައި ބޭނުންކުރަން ލަކުޑި ގަނެފައެއް ނުވާނެކަމަށް އެޒުވާނުން ބުނެއެވެ. އަދި ގަސްކަނޑައިގެން އެމަސައްކަތުގައި ބޭނުންކޮށްފައި ނުވާއިރު ބޭނުންކޮށްފައިވަނީ ގޭގޭގައި ބާކީވެފައި ހުންނަ ލަކުޑިއެވެ. އެމަސައްކަތް ކުރުމުގައި ކުމުންދޫ ސަން ކާޕެންޓްރީގެ އެހީތެރިކަން އެޒުވާނުންނަށް ވަނީ ވަރަށް ބޮޑަށް ލިބިފައެވެ. ލަކުޑީގެ ހުރިހާ މަސައްކަތެއް އެކާޕެންޓްރީގައި ކުރުމުގެ ސަބަބުން ވަރަށް ބޮޑު ހަރަދެއް ސަލާމަތްވެފައިވެއެވެ. އެހެންކަމުން "ސަން ކާޕެންޓްރީ" ވެފައިވަނީ މިމަސައްކަތުގެ ޝުކުރު ހައްޤު މުހިންމު ފަރާތަކަށެވެ.

މިމަސައްކަތް ސޯޝަލް މީޑިއާގައި އާންމުވުމާއި އެކު ވަރަށް ގިނަ ބަޔެއްގެ ތައުރީފު ލިބިގެންދިޔައެވެ. ތައުރީފުގެ އިތުރު ވަރަށް ބޮޑު އެހީތެރިކަމެއް މިމަސައްކަތަށް "އަވި ޓެކްނޮލޮޖީ"ގެ ފަރާތުން ވަނީ ވެދީފައެވެ. އެ އެހީ ވެގެންގޮސްފައިވަނީ މިމަސައްކަތަށް ލިބުނު އިތުރު ހިތްވަރަކަށެވެ. ތިމާ

އަވިޓެކްނޮލޮޖީގެ ފަރާތުން އެ ޕާކަށް ހަދިޔާކޮށްފައިވަނީ 3 ކިލޯ ވޮޓްގެ ޕީވީ ސިސްޓަމަކާއި އަދި 9.6 ކިލޯ ވޮޓްގެ ބެކަޕް ބެޓްރީ ސެޓަޕެކެވެ. މިސިސްޓަމް މެދުވެރިކޮށް އެތަނުގެ ދިއްލުންތައް ދިއްލުމަށް ހަމަޖެހިފައިވާއިރު އެ ޕާކު ވެގެންދާނީ ތިމާވެއްޓާއި ރައްޓެހި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ޕާކަކަށެވެ.

އެތައް ބަޔެއްގެ ތައުރީފް "ވެހިސަރާ"އަށް
ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދުﷲ މައުސޫމް ގެ ލޮލުގައިވެސް މި ފުރިހަމަ މަސައްކަތް ވަނީ އަޅައިގެންފައެވެ. އެހެންވެ ޓުވީޓާރ ގައި މިނިސްޓަރ މައުސޫމް ވަނީ ކުމުންދޫގެ ލޮބުވެތި ރައްޔިތުންނަށް ސާބަސް ދެއްވާފައެވެ.

"ގަދަ. ސާބަސް" ވެހިސަރާގެ ފޮޓޯތަކެއް ޓުވިޓާރގައި ހިއްސާކުރަމުން މިނިސްޓަރ މައުސޫމް ލިޔުއްވާފައިވަނީ މިހެންނެވެ.

ކުމުންދޫ ނޭޗަރ ޕާރކް ހުޅުވުމާއި ގުޅިގެން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެފައިވަނީ "ކުރެވި ޖަމްޢިއްޔާއިން އެ ޖަމްއިޢްޔާގެ ދަށުން ހިންގާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދެވުނު މި މަސައްކަތުގައި ރަށުގެ ގިނަބަޔަކު ބައިވެރިވެ އުޅުނުކަމަށާއި، ނަމަވެސް އެއްވެސް ދެކޮޅުވެރިކަމެއް، ސިޔާސީ ހިޔާލުތަފާތުވުމެއް ނުފެނި ރަށުގެ ރައްޔިތުންގެ ހިތްހަމަ ޖެހުމަށާއި ރަށުގެ ގުދުރަތީ ރީތިކަން މުޅި ރާއްޖެއަށް ދައްކާލައި، އެތަންތަނުގެ ބޭނުންތެރިކަން ހާމަކޮށްދެވުމުން އުފާކުރާ" ކަމަށެވެ. އަދި އެތަނުގެ ދިއްލުންތައް ދިއްލުމަށް އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރެވިފައި ވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ގޮތުގައި ރާޢީ ފާހަގަކޮށްފައިވެއެވެ.

ކުމުންދޫ "ކުރެވި" ޖަމްއިޢްޔާގެ ދަށުން ހިންގާ ޒީރު ސްޕޯޓްސް ކުލަބުން ވެސް އެޒުވާނުންގެ ޝުޢޫރު ފޭސްބުކްގައި ވަނީ ފާޅުކޮށްފައެވެ. "ކުމުންދޫ ރައްޔިތުންނަކީ އެކުވެރި އެއްބައެއްވަންތަ ބައެއްކަން މި ފަދަ މަންޒަރުތަކުން ހާމަވެގެންދޭ! މި ހިތްފަސޭހަ މައިޒާނުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެކަމުގައި އަޅުގަނޑުމެން އުންމީދުކުރަން! "ވެހިސަރާ" މައިޒާނުގެ ހިތްފަސޭހަ ކަމާއި ރީތިކަން ތަޖުރިބާ ކޮށްލުމަށް ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވަން!" ވެހިސަރާ ހުޅުވުމުގެ ރަސްމިއްޔާތުގެ ފޮޓޯތައް ޝެއާރކޮށް އެކުލަބުގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވެއެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް މުހައްމަދު އަމީން ވެސް ވަނީ ވެހިސަރާ ގެ މަސައްކަތަށް ތައުރީފުކޮށްފައެވެ. އަދި ވަކި ވަކި ފަރާތްތަކުގެ ނަންތައް ފާހަގަކުރެއްވިއެވެ.
"މިނޭޗާރ ޕާރކް ތަރައްގީވެގެން ދިޔުމަކީ ކުމުންދޫއަށް ޒިޔާރަތްކުރާ މީހުން އިތުރު ވެ ރަށުގެ ލޯކަލް ޓުއަރިޒަމް ތަރައްގީ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. މިމަސައްކަތް މިހާ ފުރިހަމައަށް ކޮށްދެއްވި ކަމަށްޓަކައި "ކުރެވި" އަދި "ޒީރު އެސްސީ"އަށް ޝުކުރު ދަންނަވަން. އަދި އަވިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކޮށްދެއްވުމަށްޓަކައި އަވި ޓެކްނޮލޮޖީއަށް ޝުކުރު ދަންނަވާ"ކަމަށް ތިލަދުންއަށް އަމީން ވިދާޅުވިއެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން "ކުރެވި" ޖަމިއްޔާގެ ރައީސް އަދި ޕާރކް ތަރައްގީކުރުމަށް އެންމެ އިސްކޮށް އުޅުއްވި އަލީ ހުސެއިން ވިދާޅުވެފައިވަނީ "ޕާރކު ކައުންސިލާ ހަވާލުކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި ތަން ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތް ކުރެވި ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދާނެ" ކަމަށާއި "ޕާރކު އިތުރަށް ތަރައްޤީކޮށް ފުރިހަމަ ކުރުމުގެ ވިސްނުން މި މަސައްކަތުގައި އުޅުނު ޒުވާނުންގެ ވަރަށް ބޮޑަށް އެބަހުރި" ކަމަށެވެ. "އެހެންކަމުން ކުރިއަށް އޮތްތަނުގައި އެ މަސައްކަތް ވެސް ކުރެވިގެންދާނެ" ކަމަށެވެ.

"ތަން ތައްޔާރުކުރުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާ" ކަމަށާއި "ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އާއި ކުމުންދޫ ކައުންސިލާއި އަވި ޓެކްނޮލޮޖީ، ފެނަކަ އާއި ސަން ކާޕެންޓްރީގެ ނަން" ފާހަގަކުރި އެވެ. އަދި ހައްސަކޮށް ކުމުންދޫގެ ހީވާގި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަށް އަލީ ހުސެއިން ވަނީ ޝުކުރު ދަންނަވާފައެވެ.

"ވެހިސަރާ" ނަމުގައި ކުމުންދޫގައި ހުޅުވިގެން މިދިޔަ ހިތްގައިމު ޕާރކް ހުޅުވައިދެއްވީ އެކަމަށްޓަކައި އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ. ޕާރކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާސިހާ އިދުރީސް ވަނީ ރަށުގެ ޒުވާނުން މިކަމުގައި ދެއްކި ނަމޫނާއަށް ހިތްވަރު ދެއްވާފައެވެ.
"ދެން އޮތީ އަސްލު މަސައްކަތް"
މަސައްކަތް ނިމިއްޖެއެވެ. ވެހިސަރާ އެންމެންނަށް ވަރަށް ކަމުގޮސްސިއެވެ. އެކަމަކު ދެން އޮތީ އެންމެ ބޮޑު މަސައްކަތެވެ. އެމަސައްކަތް އެންމެ ބޮޑަށް ކުރެވޭނީ އެތަނަށް ޒިޔާރަތްކުރާ މީހުންނަށެވެ. އެތަނަށް ކުނި ނޭޅުމާއި އެތަނުގެ ސާފުކަމަށް އިސްކަން ދިނުމާއި އެފުރިހަމަ "ލޭންޑް މާކް" އަށް ގެންލުން ނުދީ ރަނގަޅަށް ބެލެހެއްޓުމުގެ ޒިނާމް އެއީ ވަރަށް ބޮޑު ޒިންމާއެކެވެ.

ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ މެހެމާނުންގެ ހިތްހަމަ ޖައްސާލަން ޒިޔާރަތްކުރާ އެމަންޒިލް ވީހާވެސް ގިނަ ބަޔަކަށް ފެންނާނެހެން ބެލެހެއްޓުމުގެ ޒިންމާ ފެށެނީ އެމީހެއްގެ ކިބައިންނެވެ. "ވެހިސަރާ" ރަސްމީކޮށް ހުޅުވި ރަސްމިއްޔާތުގައި ކުމުންދޫގެ ކުދިބޮޑު އެންމެންގެ މޫނުމަތިން ފެނިގެން ދިޔަ ހިތްހަމަ ޖެހުމާއި އުފާވެރިކަން ދެމެހެއްޓުމަކީ "ކުރެވި" ޖަމިއްޔާގެ އެދުމެކެވެ. ކުޅި ސާފުކުރި އިރު އެޒުވާނުންވަނީ ގިނަ އަދަދެއްގެ ޕްލާސްޓިކް ފަދަ ކުނިބުނި އެތަނުން ނަގާފައެވެ. އެކަން ތަކުރާރު ނުވާނެހެން އެވެށި ހިމާޔަތްކޮށް ބެލެހެއްޓުމަށް އެޒުވާނުން އިލްތިމާސްކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!