ތިމާވެށި ޙިމާޔަތްކުރަން އެންމެހާ ދިވެހިންގެ ބައިވެރިވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ރައީސް މިގޮތަށް އެދިވަޑައިގަތީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބެއްގަ އެވެ.

Ad
rt

މި ޚިޠާބުގައި ރައީސް ވިދާޅުވެފައި ވަނީ، މިކައުނުގެ ތެރޭގައި އެތައް ބިލިއަން މަޑިކިލަނބުތަކެއް ހިމެނޭ އިރު، އެއިން ކޮންމެ މަޑިކިލަނބެއްގައި އެތައް ބިލިއަން ގުރަހަތަކެއް ދައުރުކުރި ނަމަވެސް އިންސާނުން ދިރިއުޅުމަށް އެކަށޭނަ ކަމަށް، މިހާތަނަށް އެނގެން އޮތީ މި ބިން ނުވަތަ މި ދުނިޔެއެކަނި ކަމަށެވެ. އެހެންކަމުން، މިބިމުގެ ވެށި ޙިމާޔަތްކޮށް ރައްކާތެރި ކުރުމަކީ، މިބިންމަތީގައި އިންސާނީ ދިރުން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ހޫނުމިން މަތިވަމުން ދަނީ، މި ބިމުގެ ޤުދުރަތީ ނިޒާމާއި މި ބިންމަތީގައި ދިރިއުޅޭ އިންސާނުންވެސް އެކަމަށް ހޭނުމަށް ނުކުޅަދާނަހާ ހަލުވިމިނެއްގައިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމާ ގުޅިގެން، ދިރިއުޅޭ މާޙައުލަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން، ދުނިޔޭގެ ދިރުންތަކުގެ ތެރެއިން ގާތްގަނޑަކަށް މިލިއަނެއްހާ ބާވަތުގެ ދިރުންތައް މިހާރު ނެތިދިއުމުގެ ނުރައްކަލަށް ހުށަހެޅިފައި ވާކަމަށެވެ. ތަރައްޤީއާއި ކުރިއެރުމުގެ ރާސްތާގައި އަޅަމުންދާ ކޮންމެ ފިޔަވަޅަކާއެކު، ދުނިޔޭގެ މާޙައުލީ ނިޒާމު ގަޑުބަޑުވެ، މި ބިމުގެ ވަޔާއި ކަނޑާއި ބިންގަނޑު ތަޣައްޔަރު ވަމުން ދާކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން ޖައްވުގެ ތެރެއަށް ވިހަ ގޭސްތައް ދޫކުރާ ނިސްބަތަށް ބަލާއިރު، ދިވެހިރާއްޖޭގެ ޙިއްޞާ އެކަމުގައި ވަރަށް ކުޑަ ނަމަވެސް، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުންތައް، އެހެން ހުރިހާ ޤައުމަކަށްވުރެ ބޮޑުކަން ފާހަގަ ކުރައްވައި، އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަންކަން ކުރުމަށް، އެންމެހައި ދިވެހިންގެ ބައިވެރިވުމަށް ރައީސް ޞާލިޙް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން އަޅުގަނޑުމެންގެ ޢަމަލުތަކުން އަޅުގަނޑުމެންގެ ކަނޑުތައް ތަޣައްޔަރު ނުކުރުމަށާއި، އަޅުގަނޑުމެންގެ އަތްތަކުން، އަޅުގަނޑުމެންގެ ގޮނޑުދޮށްތަކާއި ފަރުތައް ހަލާކު ނުކުރުމަށް ރައީސް ގޮވާލެއްވިއެވެ. އެހެންކަމުން އިސްކަން ދޭންވީ ދެމެހެއްޓެނިވި ތަރައްޤީއާއި، ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތް ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކަމަށާއި، ދިރިއުޅުމުގެ ބޭނުން ތަކަށްޓަކައި، މާޙައުލީ ނިޒާމަށް ގެއްލުން ނުދިނުމަށާއި ގަސްތައް ކަނޑައި ހުސްނުކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެހެންކަމުން މިކަމަށް އޮތް އެންމެ މުހިންމު ޙައްލަކީ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް، 2030 އާ ހަމައަށް އަންނަ އިރު ރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާޞިލްކުރުމާއި، ކުނީގެ ބާވަތްތައް ވަކިކޮށް ރައްކާތެރި ގޮތުގައި ނައްތައިލުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ޙިމާޔަތްކުރާ ސަރަޙައްދުތައް އިތުރުކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މި ރާއްޖޭގެ ދޮންވެލި ތުނޑިތަކާއި ފިނޮޅުތަކާއި، މިހިތްގައިމު ކަނޑުފަޅުތަކާއި ކަނޑޫފާތަކާއި ޗަސްބިންތަކާއި، އެތަންތަނުގައިވާ ދިރުންތައް، ކުރިމަގުގެ ޖީލުތަކަށް ރައްކާތެރި ގޮތުގައި ފޯރުކޮށްދެވޭނީ، މިދެންނެވި ކަންކަމަކީ، ދިވެހިންގެ ދިރިއުޅުމާ ލާމެހިފައިވާ އާދަތަކެއް ކަމުގައި ހަދައިގެންކަންވެސް ރައީސުލް ޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަ ކުރައްވާފައި ވެއެވެ.