ކ. މާފުށީ ޖަލު ސަރަހައްދު މަތިން ޑްރޯން ދުއްވުމާއި ޖަލުގެ އައްސޭރިފަށުން މޫދު ކުޅިވަރު ކުޅޭ އުޅަނދުތައް ދުއްވުން އެ ރަށު ކައުންސިލުން މިއަދު މަނާކޮށްފި އެވެ.

މާފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ޖަލު ހިމެނޭ ސަރަހައްދުގެ މަތީން ޕެރެސެއިލިންއާއި ޑްރޯނު ދުއްވުމާއި އަދި އެ ސަރަހައްދުގެ އައްސޭރިފަށުގައި ޖެޓްސްކީ ފަދަ އުޅަނދުތައް ދުއްވުމުގެ ޝަކުވާ އެކި ފަހަރު މަތީން ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

Ad
rt

ކައުންސިލުން ބުނީ އެކަން މަނާކުރީ ޖަލު ސަރަހައްދަކީ ޚާއްސަ ހުއްދައާއެކު ނޫނީ ވަދެ ނުނިކުމެވޭ ސަރަހައްދަކަށް ވުމާއެކު ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުންގެ އިތުރުން ޖަލުގައި ހިންގަމުންދާ ހަރަކާތްތައް ފެންނަން ނުޖެހޭ ފަރާތްތަކަށް ފެނުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

މީގެ އިތުރުން ޖަލު ތެރޭގައި ހިނގަމުން އަންނަ ކަންކަމުގެ ފޮޓޯއާއި ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި ދައުރުކޮށް ޢާންމު ކުރުމުގެ ފުރުސަތުވެސް ބޮޑުވުމާއި ޖަލަށް ވެއްދުން މަނާ ތަކެތި ޖަލު ސަރަހައްދަށް އުކުމުގެ ނުވަތަ ވައްޓާލުމުގެ ނުވަތަ ޕޮޓްކުރުމުގެ ފުރުޞަތުވެސް ބޮޑުވެގެން ދިއުމަކީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުތަކެއް ކުރާނެ ކަންކަން ކަމަށް މާފުށީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މާފުއްޓަކީ އެރަށުގައި ޖަލެއް ގާއިމުކޮށްފައި ހުންނަ ރަށެއްގެ އިތުރުން ލޯކަލް ޓޫރިޒަމް ވެސް ވަރަށް ބޮޑަށް ތަރައްގީވެފައިވާ ރަށެކެވެ.