މި އަހަރު ދުނިޔޭގެ ތިމާވެށި ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް މިއަދު ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދިޔަ "ނޯ ވެހިކަލް އަވަރ" ބައިސްކަލު ބުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.

އެންވަރަޔަމަންޓް މިނިސްޓްރީ އާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ މި ބައިސްކަލު ބުރުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި އެންވަރަޔަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި ފުވައްމުލައް ސިޓީ މޭޔަރ، ޑެޕިއުޓީ މޭޔަރ އަދި ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

ނައިބު ރައީސް ދެ ދުވަހުގެ މުއްދަތަށް ފުވައްމުލަކު ސިޓީއަށް ކުރަށްވާ ދަތުރުފުޅެއްގައި އެ ސިޓީއަށް ވަޑައިގަތީ މިއަދުއެވެ.

ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އެ ސިޓީގައި ބާއްވާ ޖަލްސާގައި ވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ފުވައްމުލައް ސިޓީގައި ޤާއިމުކުރެވިފައިވާ ޓޭބަލް ޓެނިސް ހޯލުގެ ޢިމާރާތް ހުޅުވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

‎އެ މަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލައްވާ އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.