އިސްލާމްދީނަކީ އެއްބައިވަންތަކަމުގެ ދީނެވެ.

666D3200-DE4C-47E8-A153-5DE9754B13E4

އިސްލާމްދީނަކީ އެއްބައިވަންތަކަމަށް ގޮވާލާދީނެވެ. އެކަކު އަނެކަކަށް، އެއްބަޔަކު އަނެއްބަޔަކަށް އޯގާވެރިވެ ރަހުމް ކުރުމަށް ގޮވައިލާދީނެވެ. އެކަކަށް ދަތި އުނދަގޫކަމެއް ނުވަތަ ހިތާމައެއް ކުރިމަތިވެއްޖެނަމަ އެމީހަކަށް އެހީތެރިވުމަށް އަމުރުކުރާ ދީނެވެ.

އެކަކު އަނެއްކެއްގެ މުދަލާއި އަބުރަށް ރައްކާތެރިވުމަށް އަމުރުކުރާދީނެވެ. އިސްލާމީ އުންމަތުގެ ކޮންމެ ފަރުދަކުވެސް އޭނާގެ ދުލާއި، އަތް އެހެން މީހުންނަށް އުނދަގޫވާފަދަ ކަންކަމުން ރައްކާތެރިކުރުމަށް ގޮވާލާ ދީނެވެ.

ކީރިތި ޤުރުއާނުގައި މާތް ﷲ ސުބްހާނަހޫވަތައާލާ އިސްލާމީ އުންމަތުގެ އަފްރާދުން ސިފަކުރައްވާފައިވަނީ އެއްބަނޑު އެއްބަފާ އަޚުންތަކެއްގެ ގޮތުގައެވެ.

ކީރިތި ރަސޫލާ (ސ.އ.ވ) މުއުމިންތަކުންގެ މިސާލު ޖައްސަވާފައިވަނީ އެއް ހަށިގަނޑެއްގެ މިސާލުންނެވެ. އެ ހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފިނަމަ މުޅި ހަޑިގަނޑު ހޭލާ ހުރުމުންނާއި ހުން އައުމުން އެ ގުނަވަނާ އެއްބައިވަންތަކަން ޤާއިމްކުރެއެވެ.

މުއުމިނަކަށް ދަތިހާލެއް ޖެހިފައިވަނިކޮސް އެހީތެރިވެއްޖެ މީހަކަށް ހުރި ދަރުމައިގެ ބޮޑުކަން ހާމަކޮށްދެއްވަމުން ކީރިތި ރަސޫލާ (ސ.އ.ވ) ޙަދީޘް ކުރައްވާފައިވެއެވެ.

"އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚާއެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އަދި އޭނާ އޭނާގެ އަޚާ ދުޝްމަނުންނަަކަށް ދޫކޮށެއް ނުލާނެއެވެ. އެމީހެއްގެ އަޚާގެ ބޭނުން ފުއްދައިދިނުމުގައި ދެމިހުންނަ މީހާގެ ބޭނުން، ފުއްދަވައިދެއްވުމުގައި ﷲ ވޮޑިގެންވާނެތެވެ. އަދި މުސްލިމެއްގެ ކިބައިން ދަތި އުނދަގޫކަމެއް ދުކުރުކޮށްފިމީހާއަށް ޤިޔާމަތް ދުވަހުގެ ދަތި އުނދަގޫ ކަންތައްތަކުގެތެރެއިން ކަމެއް މާތް ﷲ އެމީހެއްގެ ކިބައިން ދުރުކޮށްދެއްވާނެތެވެ. އަދި މުސްލިމެއްގެ އުނިކަން ފޮރުވައިފިމީހަކަށް، މާތް ﷲ އެމީހެއްގެ އުނިކަން ޤިޔާމަތްދުވަހުން ފޮރުއްވައިދެއްވާނެތެވެ."

އިންސާނުން ދުނިޔޭގެ ކަންކޮޅުތަކުގައި ލައްވާފައިވަނި އެންމެފުރަތަމަ ޚާލިގުވަންތަ ﷲއަށް އަޅުކަންކުރުމަށެވެ. އެކަލާނގެ ހަވާލު ކުރައްވާފައިވާ ޚިލާފަތުގެ ބުރަ މަސްއޫލިއްޔަތު ހެޔޮގޮތުގައި އަދާކުރުމަށެވެ. ބިން ހެޔޮގޮތުގައި ތަޢުމީރުކޮށް، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެއުޅުމަށެވެ.

އެއްބަޔަކަށް ދިމާވާ ދަތިތައް އަނެއްބަޔަކު ފިލުވައިދީ އުޅުމަށެވެ. މާތް ﷲ އަހަރެމެން ހައްދަވައި ދުނިޔެމަތީގައި ލެއްވުމުގެ ޙިކުމަތް ފުރިހަމަވާނީ އޭރުންނެވެ. އެއްވެސް ހާލެއްގައި ބައިބައިވެ ދެކޮޅުވެރިވުމަށް ޖާގައެއް ދީގެން ނުވާނެއެވެ. އެއްބަނޑު އެއްބަފާކަމުގެ ގުޅުމާއި، އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރަންވާނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *