ށ. ފޭދޫގައި ފިރިމީހާ، އަނބިމީހާ އަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ ރޭ 21:30 ހާއިރު ށ. ފޭދޫގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާއަށް ވަޅިން ހަމަލާދިނުމާ ގުޅިގެން 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

މިކަމާ ގުޅޭ ގޮތުން ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް "ތިލަދުން" އަށް ވިދާޅުވީ، ރޭ 21:30 ހާއިރު އެ މައްސަލާގައި ޝާމިލްވާ ފިރިހެން މީހާގެ މަންމަ ގުޅާފައި އެގޭދޮށަށް އައިސްދިނުމަށް އޭނާ ގާތުގައި އެދުނުކަމަށެވެ. އަދި އެ ގޭދޮށަށް ދިޔައިރު އެގޭގެ ފިރިހެނަކު އިނދެގެންއުޅޭ އަނބިމީހާައަށް އަނިޔާކުރާ ކަމަށް ބުނިކަމަށެވެ.

"އަޅުގަނޑު ދިޔައިރު އެ ހާދިސާ ވަނީ ހިނގާފައި، އޭރު ވަރަށް ކައިރީ ފުލުހުން ވެސް ތިބި، ގުޅުމުން ވަގުތުން އެޓެންޑްވެ ފިރިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ" ރައިޝަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަމައެވަގުތު އަނިޔާ ލިބުނު އަނބިމީހާ ކައުންސިލްގެ ނައިބު ރައީސްގެ ސައިކަލަށް އަރުވައިގެން ރަށު ޞިއްޙީ މަރުކަޒަށް ގެންދިޔަ ކަމަށެވެ.

"ވަޅިން ހަމާލާދީފައި ވަނީ ބަނޑަށް، ޒަޚަމް އެހާ ބޮޑެއްނޫން، ވަޅި ހެރިތަން ފެހުމަށްފަހު އަންހެންމީހާ ވަނީ ސިއްހީމަރުކަޒުން ދޫކޮށްލާފައި، އޭނާގެ ހާލު ރަނގަޅު" ރައިޝަމް ވިދާޅުވިއެވެ.

ދެމަފިރިންގެ ކައިވެންޏަށް ދިހަވަރަކަށް އަހަރުފުރި ހަތަރު ފަސް ދަރިން ލިބިފައިވާ އިރު މީގެ ކުރިންވެސް ފިރިމީހާ އަކީ އަނބިމީހާއާއި ދެމެދު ހަމަނުޖެހުން ހިނގާކަމަށްވެއެވެ.

އެފަދަކަމެއް ހިނގާނަމަ ކައުންސިލަށް ރިޕޯޓްކޮށް ދިނުމަށް ކުރިން އެދިފައިވާނެކަމަށް ފޭދޫ ކައުންސިލުން ވިދާޅުވިއެވެ.