މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީތަކަށް މީހުންވައްދައި އިލެކްޝަންސް ކޮމިޝަނުގައި ރަސްމީކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ސައްހަ ނޫން ކޮންމެ ފޯމަކަށް އެ ފޯމެއް ހުށަހެޅި ޕާޓީއެއް ދިހަ ހާސް ރުފިޔާއިން ޖޫރިމަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމިޝަނުން އެގޮތަށް ނިންމީ މިއަދު ކަމަށެވެ.

Ad
rt

ޕާޓީތަކުގެ އިތުރުން ކޮންމެ ޕާޓީއެއްގެ ރަޖިސްޓްރާ ވެސް އެފަދަ ކޮންމެ ފޯމަކަށް ޖޫރިމަނާ ކުރަން މިއަދު ވަނީ ނިންމާފައެވެ.

ފުރަތަމަ ފަހަރުނަމަ ޕާޓީގެ ރަޖިސްޓްރާ ޖޫރިނަމާ ކުރާނީ 5،000 ރުފިޔާއިން ކަަމަށާއި، ދެވަނަ ފަހަރުން ފެށިގެން 10،000 ރުފިޔާއިން ރަޖިސްޓްރާ ޖޫރިމަނާ ކުރައްވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ސައްހަ ނޫން ފޯމުތައް ހުށަހަޅާ ޕާޓީތައް ޖޫރިމަނާ ކުރަން ނިންމިއިރު، ފަހަކަށް އައިސް އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ވެސް މައްސަލައެއް ހުށަހަޅާފައި ވެއެވެ.

މިފަދަ މައްސަލަތައް ފެންމަތިވަމުން އައުމާ ވިދިގެން ސިޔާސީ ޕާޓީތަކުން ދަފްތަރު ކުރުމަށް ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން ޕާޓީތަކުން ހުށަހަޅާ ފޯމުތަކުގެ މައުލޫމާތުވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ގެންދަނީ ޢާއްމުކޮށް އިއުލާނު ކުރަމުންނެވެ.