އަންނަ 2023 ވަނަ އަހަރު ބޮޑުތިލަދުންމަތީގައި ކްރޫޒް ޓޫރިޒަމް ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. ޢަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ވަޒީރު މައުސޫމް މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ) ވަނީ ރާއްޖެއަކީ ރީތި ޓޫރިޒަމް މަންޒިލަކަށްވީއިރު، ރާއްޖޭގެ އިޤްތިޞާދު އެންމެބޮޑަށް ބަރޯސާވަނީ ފަތުރުވެރިކަމަށް ކަމަށްވާތީ، ކްރޫޒް ލައިނާތަކަށް ރާއްޖެ އިސްތިހާރުކުރަން ވަޒީރުގެ ވިސްނައިވަޑައިގެންފައިވޭތޯ ސުވާލު ކުރަށްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ، ކްރޫޒް ޓޫރިޒަމަކީ ރާއްޖެއަށް ފަހިވާންޖެހޭ ޓޫރިޒަމެއް ކަމަށެވެ. އަދި އެ މަސައްކަތް ފެށުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ، ރާއްޖޭގައި ކްރޫޒްލައިނާތަކަށް ޓާމިނަލެއް ގާއިމުކުރާ ވާހަކައަކީ އޭނާ ފަތުރުވެރިކަމުގެ ދާއިރާއަށް ވެންނެވީއްސުރެ ދެކެވެމުން އަންނަ ވާހަކަ އެއްކަމަށެވެ. ނަމަވެސް ކްރޫޒްލައިނާތަކަށް ޓާމިނަލެއް ނެތިވެސް އެ ޓޫރިޒަމް ކުރިއަށް ގެންދެވެންޖެހޭނެކަމަށް ވިދާޅުވިއެވެ.
އެމަސައްކަތް ކުރުމަށް ކެރީބިއަން ކްރޫޒާވެސް ސަރުކާރުން މިހާރު ވަނީ މަޝްވަރާކޮށްފައިކަމަށް ވެސް ވިދާޅުވިއެވެ.
"2023ގެ ތެރޭގައި ބޮޑުތިލަދުންމައްޗަށް ކްރޫޒް ޓޫރިޒަމް ގެނެވޭތޯ މަސައްކަތް ކުރަމުން މިދަނީ، އެ ބޭފުޅުންނާއި އަދި ރާއްޖޭގައި ކްރޫޒް އޮޕަރޭޓްކުރާ އެޖެންޓަކާ އެއްކޮށް ކުރެވުނު މަޝްވަރާގެ އަލީގައި ބޮޑުތިލަދުންމަތީގައި ކްރޫޒް ލައިނާ ކޯލް ކުރާނެ ތަންތަނާއި، ފީސިބަލް ޕޮއިންޓްތައް އައިޑެންޓިފައި ކުރެވިފައި ވަނީ،" މައުސޫމް ވިދާޅުވިއެވެ.
އެކަމަށް ކުރިމަގެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މައުސޫމް ވިދާޅުވީ، އެ މަސައްކަތް ފެށުމަށް އިދާރީ ކުޑަކަމެއް ބަދަލުކުރަންޖެހޭ ކަމަށެވެ. އެކަމަކީ، ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެ އެތެރެވުމަށްފަހު އެމީހަކަށް ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ދަތުރުކުރެވޭ ގޮތަށް ގަވާއިދަށް ގެންނަންޖެހޭ ކުޑަބަދަލެއް ގެނައުން ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!