މިލަންދޫ ކޮމިއުނިޓީ ސެންޓަރުގެ ފަރާތުން އިންތިޒާމުކޮށްގެން މިލަންދޫ މުއައްސަސާތަކުގެ މެދުގައި ކުޅިވަރު ފެސްޓިވަލެއް ފަށައިފިއެވެ.
މިލަންދޫ އިންޓަރ އޮފީސް ސްޕޯޓްސް ފެސްޓިވަލް 2022ގެ ނަމުގައި ކުރިއަށްގެންދާ މި ފެސްޓިވަލުގައި މިލަންދޫގެ ހުރިހާ މުއައްސަސާއަކުން ވަނީ ބައިވެރިވެފައެވެ.
އެގޮތުން ޕޮލިސް، ފެނަކަ، ހެލްތު ސެންޓަރ، އާރުޑީސީ މިލަންދޫ، ކައުންސިލް، ކޯޓު، މީގެ އިތުރުން ސުކޫލުގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ.

ފެސްޓިވަލް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ހުރިހާ މުއައްސަސާތަކުގެ ވެރިންވެސް ވާހަކަ ދައްކަވާފައިވާއިރު ޖުމްލަކޮށް ހުރިހާ ބޭފުޅުންވެސް ފާހަގަ ކުރައްވާފައިވަނީ މި ފަދަ ހަރަކާތްތައް މުއައްސަސާތަކުގެ މެދުގައި ބޭއްވުމަކީ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރުވެ، ބަދަހިވެގެން ދާނޭ ކަމެއްކަމަށެވެ.
މީގެ އިތުރުން މިފެސްޓިވަލަކީ ހުރިހާ މުއައްސަސާއެއް ގުޅިގެން މުޖުތަމަޢުއިން ކުށް މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހުޅުވިގެންދިޔަ ދޮރެއްކަމަށް އެބޭފުޅުން ފާހަގަ ކުރެއްވެވިއެވެ.
މިލަންދޫ އިންްޓަރ އޮފީސް ސްޕޯޓްސް ފެސްޓިވަލް 2022ގައި ޖުމްލަ ހަތަރު ކުޅިވަރެއްވަނީ ކުޅެންހަމަޖެހިފައެވެ. އެއީ ފުޓްސަލް، ބެޑްމިންޓަން، ކެރަމް، މީގެއިތުރުން ޓޭބަލް ޓެނިސްއެވެ. ކޮންމެ ކުޅިވަރެއްވެސް އަންހެން ފިރިހެން ދެޖިންސުގެ ބައިވެރިންނަށްވެސް ވަކިން އޮންނާނެއެވެ.

މިލަންދޫ އިންޓަރ އޮފީސް ސްޕޯޓްސް ފެސްޓިވަލް 2022 ހުޅެވުމުގެ ރަސްމިއްޔާތުގަައި ވާހަކަ ދައްކަވަމުން މިލަންދޫ ކޮމިއުނިޓީ ސެންޓަރ ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވި އިސްވެރިޔާ އަލްފާޟިލް އިބްރާހީމް ނިހާދު ވިދާޅުވީ މިފެސްޓިވަލަކީ ރަނގަޅު ފެށުމެއް ކަމަށާއި އިރާދަކުރެއްވިއްޔާ ކޮންމެ އަހަރަކުވެސް މިލަންދޫގައި މުއައްސަސާތަކަށް ހާއްސަކޮށްގެން މިފަދަ ފެސްޓިވަލެއް ބާއްވާނެކަމަށެވެ.
“މިއަށްވުރެ މާ ފުރިހަމަކޮށް ކުރިއަށް އޮތް އަހަރުތަކުގައި މި ފެސްޓިވަލް ބޭއްވުމަށް މަސައްކަތް ކުރާނަން”
އިބްރާހީމް ނިހާދު ވިދާޅުވިއެވެ.
މީގެ އިތުރުން މިލަންދޫގެ އެކިއެކި ފަރާތްތަކުން މި ފެސްޓިވަލް ފުރިހަމަ ކުރުމަށްޓަކައި އެހީތެރިވެދީފައިވާ ކަމަށާއި ހާއްސަކޮށް ހުރިހާ މުއައްސަސާތަކަށާއި ޖުމްލަކޮށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށްވެސް ނިހާދު ވަނީ ޝުކުރުދަންނަވާފައެވެ.

މިފެސްޓިވަލްގެ ކުޅިވަރުތަކުގެ ތެރެއިން ފުޓްސަލް ކުޅުމަށް ހަމަޖެހިފައިވަނީ މިލަންދޫ މާކޯ ސްޓޭޑިއަމްގައެވެ. ދެން ހުރި ކުޅިވަރުތައް މިލަންދޫ ކޮމިއުނިޓީ ސެންޓަރގެ އިންޑޯ ހޯލުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މި ފެސްޓިވަލްގެ ހުރިހާ ހަރަކާތެއްވެސް ށ މިލަންދޫ ކޮމިއުނިޓީ ސެންޓަރގެ ފޭސްބުކް ޕޭޖުން ލައިވް ކުރަމުން ގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!