ލޭންޑު ޔޫސް ޕްލޭން އެކުލަވާލައި ފާސްކުރުމަށް މިހާތަނަށް ހުށަހެޅުނު 55 ރަށެއްގެ ލޭންޑު ޔޫސް ޕްލޭންގެ ތެރެއިން ފާސްވީ އެންމެ ހަތް ޕްލޭން ކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ލޯކަލް ކައުންސިލުތަކަށް ކުރިމަތިވާ ދަތިތަކަށް ޙައްލު ހޯދުމަށް އުކުޅަހުގައި މިހާރު ކުރިއަށްދާ ވިއަވަތި ކޮންފަރެންސްގައި މަޢުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ވުޒާރާއަށް މިހާތަނަށް ފާސްކުރުމަށް ލޭންޑު ޔޫސް ޕްލޭން ހުށައެޅީ 55 ރަށަކުން ކަމަށާއި، އޭގެތެރެއިން މިހާތަަނަށް ފާސްކުރެވިފައިވަނީ 7 ޕްލޭން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އޭގެތެރެއިން 11 ރަށެއްގެ ލޭންޑު ޔޫސް ޕްލޭން ފާސްކުރުމުގެ އެންމެ ފަހު މަރުހަލާ މިހާރު ފެށިގެން ކުރިއަށްދާ ކަމަށާއި، ލޭންޑު ޔޫސް ޕްލޭން ގޯސްވެގެން 26 ރަށެއްގެ ޕްލޭން އިސްލާޙު ކުރުމަށް އަނބުރާ ފޮނުވާލާފައިވާކަމަށެވެ.
މިނިސްޓަރ އަސްލަމް އިތުރަށް ވިދާޅުވީ އިތުރު 10 ރަށެއްގެ ލޭންޑު ޔޫސް ޕްލޭން ގޯސްވެގެން އިސްލާހު ކުރުމަށް ފޮނުވުމުން އެ ޕްލޭންތައް އިސްލާޙު ކުރުމަށްފަހު އަނބުރާ ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށާއި އެ އިސްލާޙުތައް ބެއަލެވުމަށްފަހު ވަރަށް އަވަހަށް ފާސްކޮށް ދެއްވާނެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކަށް މެންބަރުން ޢައްޔަނު ކުރުމާއިއެކު ތިން މަސްދުވަސް ތެރޭގައި މަސައްކަތް ނިންމާ ފާސްކުރަންޖެހޭ ލޭންޑު ޔޫސް ޕްލޭންތައް ނުނިމި އަހަރަކަށްވުރެ ދިގުލައިގެން ގޮސްފައިވަނީ ޤާނޫނު މާބޮޑަށް ތަރުޖަމާ ކުރަން ހަދައިގެން ކަމަށާއި ޤާނޫނުގައި ކަނޑައަޅާފައިވާ ތަފްޞީލުތައް އެއަށްވުރެ ފަސޭހައިން ބަޔާން ކޮށްދެވޭނެ ކަމަށްވެސް ޕްލޭނިންގ މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!