ޔޫރަޕުގެ ކުލަބު ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި މުބާރާތްކަމުގައިވާ ޔުއެފާ ޗެމްޕިއަންސްލީގު، 14 ވަނަ ފަހަރަށް ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފި އެވެ.

ރެއާލް މުބާރާތުގެ ތަށި އުފުލާލީ ޕެރިހުގައި ކުޅުނު ފައިނަލް މެޗްގައި 1-0 ގެ ނަތީޖާއިން ލިވަޕޫލް މައްޗަށް ކުރި ހޯދައިގެންނެވެ.

Ad
rt

މެޗްގައި ޖެހި ހަމައެކަނި ގޯލް މެޗްގެ 59 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބުރެޒިލްގެ 21 އަހަރުގެ ފޯވާޑް ވިނިސެސް ޖޫނިއާރ އެވެ.

ލިވަޕޫލްގެ ފަރާތުން ގިނަ ހަމަލާތަކެއް ވަނީ ގޯލާ އަމާޒުކޮށް ފޮނުވައިލާފައެވެ. ހަމަލާތަށް ދިފާއު ކުރުމުގައި ރެއާލްގެ ކީޕަރ ކޯޓުއާގެ ފަރާތުން ވަނީ މޮޅު ކުޅުމެއްފެނިފައެވެ. ލިވަޕޫލުން ފޮނުވާލި 14 ހަމަލާ ގެ ތެރެއިން ގޯލާ އަމާޒުވި 9 ހަމަލާވެސް މަތަކޮށް މުބާރާތުގެ ފައިނަލްގައި އެންމެ ގިނަ ހަމަލާ މަތަކުރި ކީޕަރުގެ ރެކޯޑް ކޯޓުއާ ވަނީ ހޯދާފައެވެ.

މުޅި މެޗްގައިވެސް ރެއާލް އަށް ފޮނުވާލެވިފައިވަނީ އެންމެ ދެ ހަމަލާއެވެ. ގޯލާ އަމާޒުވީ އެންމެ ހަމަލާއެކެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޓްރޮފީ ރެއާލް މެޑްރިޑުން އުފުލާލިއިރު އެޓީމުން އެންމެފަހުން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ވެސް ފައިނަލުގައި ލިވަޕޫލުގެ މައްޗަށް ކުރިހޯދައިގެންނެވެ. އެއީ 2018 ވަނަ އަހަރު ފައިނަލްގައި ރެއާލް އިން ލިވަޕޫލްގެ މައްޗަށް 1-3 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މިރޭގެ ފައިނަލްގައި ލިވަޕޫލް މައްޗަށް ރެއާލް ކުރި ހޯދި އިރު، އެންމެފަހުން ޗެމްޕިއަންސްލީގް ފައިނަލެއްގައި ރެއާލް ބަލި ވެފައިވަނީވެސް ލިވަޕޫލް އަތުންނެވެ. އެއީ 1981 ވަނަ އަހަރުއެވެ. އޭގެ ފަހުން ރެއާލް ކުޅުނު 7 ފައިނަލްވެސް ކާމިޔާބް ކޮށް ޔޫރަޕް ފުޓްބޯޅައިގެ ރަސްގެފާނުގެ ލަގަބު ވަނީ ހޯދާފައެވެ.

ލިވަޕޫލް 6 ފަހަރު ޗެމްޕިއަންސްލީގު ކާމިޔާބު ކުރި އިރު އެންމެ ފަހުން މި މުބާރާތް ހޯދައިފައިވަނީ 2019 ވަނަ އަހަރުއެވެ. ވޭތުވެދިޔަ 5 އަހަރުތެރޭ 3 ފައިނަލްގައި ލިވަޕޫލް ވަނީ ކުޅެފައެވެ.