މަސައްކަތްތެރިންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ކަވަރޭޖް އަދި ވަޒީފާ އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް 24 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ވާލްޑް ބޭންކުން ނިންމައިފި އެވެ.
މަސައްކަތްތެރިންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމަށް އިންޝުއަރެންސާއި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން ދިވެހި މަސައްކަތްތެރިންގެ އިޖުތިމާއީ ރައްކާތެރިކަމުގެ ކަވަރޭޖް ރަނގަޅު ކުރުމަށާއި ވަޒީފާ އަދާކުރުމުގެ ގާބިލްކަން އިތުރުކުރުމަށް، 24 މިލިއަން ޑޮލަރުގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް ވާލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވަނީ މިއަދު އެވެ.
މި ފައިސާ އިން ހިންގަން ނިންމާފައިވާ މަޝްރޫޢު އަކީ ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބާ ސާވިސަސް (ސެއިލްސް) އެވެ. 'ސެއިލްސް' މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެންނެވެ.
ވޯލްޑްބޭން އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އަލަށް މި ފަށާ ސަސެއިލްސް މަޝްރޫއުގެ ދަށުން، ވަޒީފާ ނެތް މީހުންގެ އިންޝުއަރެންސް ސްކީމަކާއި ވަޒީފާގެ ހިދުމަތުގެ ސްކީމެއް ގާއިމްކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ގުޅިގެން، ވަޒީފާ ނެތް ފަރާތްތަކަށް އިނާޔަތް ދިނުމަށް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބަލަހައްޓާ ފަންޑެއް ގާއިމްކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.
ނުރަސްމީ އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އިގްތިސޯދީ އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުން ހުރި ގޮންޖެހުންތަކާއި ކާރިސާތައް ފަދަ ކަންކަމުގެ ހާލަތަށް ތައްޔާރުވުމަށް ފައިސާ ރައްކާކޮށް، އެފަދަ ހާލަތްތަކުގައި އެ ފަރާތްތަކަށް އެ ފައިސާ ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށާއި މިހާރު ހުރި ޖޮބް ސެންޓަރު ފުޅާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ސަރަހައްދީ ހަބް ގާއިމްކޮށް، އެ ޖޮބް ސެންޓަރު މެދުވެރިކޮށް ކައުންސެލިން ފޯރުކޮށްދީ އަދި ވަޒީފާ ހޯދުމުގައި އެހީތެރިވެދިނުމުގެ އިތުރުން، ވަކި އަމާޒަކަށް ވާސިލްވުމަށް ދެވޭ ހާއްސަ ތަމްރީނުތަކާއި ކޯޗިން މެދުވެރިކޮށް ވަޒީފާ ހޯދާ ފަރާތްތަކަށް އެކަށީގެންވާ ވަޒީފާ ހޯދުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށް ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ވަޒީފާ ހޯދާ އަންހެނުންނަށް ހިތްވަރު ދެވޭނެ އެވެ.
މީގެ އިތުރުން، ރާއްޖޭގެ އިގްތިސޯދީ ދުވެލި ކިތަންމެ ވަރުގަދަ ނަމަވެސް، ރާއްޖޭގައި ވަޒީފާ ނެތް ޒުވާނުންގެ ނިސްބަތް (2019 ވަނަ އަހަރު 5.3 ޕަސެންޓް) މަތިއިރު، އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ އަތޮޅުތަކުގައި ކަމަށާއި އަންހެނުން ވަޒީފާތަކުގައި އުޅޭ ނިސްބަތް ވެސް ހުރީ ދަށުގައި، 46 ޕަސެންޓްގައި ކަމަށެވެ.
"ވަޒީފާއަށް ނުނުކުންނަ ދިވެހިންގެ އަދަދު ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިތުރުވެފައިވާނެ ކަމަށް ލަފާކުރެވޭ އަދި އަލުން މަސައްކަތުގެ މައިދާނަށް ނުކުތުމަށް ގިނަ ބަޔަކަށް އެހީތެރިކަން ބޭނުންވާނެ، ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނައިރު، އަޅުގަނޑުމެންގެ މި އެހީތެރިކަމުގެ ސަބަބުން ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތަ ފަދަ މުހިންމު ދާއިރާތަކުން ވަޒީފާ އިތުރުކޮށް، އިގްތިސާދީ ފުރުސަތުތަކަށް ވާސިލުވެވޭނެ މަގު ތަނަވަސްވެގެންދާނެ. އަދި ރަށްރަށުގައި އިޖުތިމާއީ ހިދުމަތް ފޯރުކޮށްދިނުމުގައި ވެސް އިތުރު ކުރިއެރުމެއް ލިބިގެންދާނެ.
ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ.
"ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ވަރަށް ގިނަ މަސައްކަތްތެރިންނަށް، ހާއްސަކޮށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި ފްރީލާންސަރުންނާއި ކޮންޓްރެކްޓަރުންނަށް އަސަރުކުރި. ސަރުކާރުގެ އެހީގެ ސަބަބުން އެ ފަރާތްތަކަށް ލުޔެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ މަސައްކަތްތެރިން މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ދާން ޖެހުނު ނުވަތަ ވަޒީފާއިން ވަކިކޮށްފައިވޭ،"
ސީނިއާ އިކޮނޮމިސްޓް އަދި ޓާސްކް ޓީމް ލީޑަރު ތޯމަސް ވޯކާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!