އެތައް އަހަރެއް ވަންދެން ގައުމަށް ހިދުމަތްކޮށްދެއްވުމަށްފަހު ވަޒީފާއިން ރިޓަޔާކޮށްގެން ތިއްބެވި އިސްރައްވެހިންނަކީ، ޤައުމުގެ ބަޖެޓަށް އޮތް ތަކްލީފެއްކަމަށް ދެކިގެން ނުވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ތަރުޖަމާނު، އަސްރާ އަހްމަދު ވިދާޅުވެއްޖެއެވެ.
އަސްރާ މިހެން ވިދާޅުވީ، "ރައްޔިތުންގެ އުދާސް" ނަމުގައި އެމްއެންޕީން މިރޭ ކުރިއަށްގެންދާ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަސްރާ ވިދާޅުވީ، މިދިޔަ ހަފްތާގެ ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖްލިސްގެ ޖަލްސާ ބައްލަވަން އޭނާ އިންނެވީ ވަރަށް ޝައުގުވެރިކަމާއެކުކަމަށެވެ. ސަބަބަކީ އެމްއެންޕީގެ ފަރާތުން ވަރަށް މުހިންމު މައްސަލައެއް މަޖްލީހަށް ހުށަހަޅަން އެޖެންޑާ ކުރެވިފައިވާތީކަމަށާއި، އަދި އެއީ ޕެންޝަން އިންސާފުވެރިކަމާއެކީ ނުދެވުމުގެ މައްސަލަ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ތިމަރަފުށީ ދާއިރާގެ މެންބަރު އަދި އެޕާޓީގެ ޕީޖީ ލީޑަރު ޢަބުދުﷲ ރިޔާޟް ހުށަހެޅުއްވި އެ މައްސަލަ އެދުވަހު މަޖިލިސް ތަޅުމުން ބޭރުކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަސްރާ އެ އިޝާރާތް ކުރެއްވި މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސް ކުރުމާމެދު ގޮތެއް ނިންމަން އެދުވަހުގެ ޖަލްސާގައި ނެގި ވޯޓުގައި، 19 މެމްބަރުން ވަނީ އެ މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް ވޯޓު ދެއްވާފައެވެ. އަދި އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ފަސް މެމްބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ދޭން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވާފައިވެ އެވެ.
"މިމަންޒަރު ފެނިފައި އަޅުގަނޑުގެ ހިތަށް މާޔޫސްކަން ލިބުނު، އަޅުގަނޑުމެން ހުށަހެޅު މައްސަލަ ކިޔައިލެއްވުމުން ފާހަގަ ވެގެންދަނީ އެތައް އަހަރެއް ވަންދެން ގައުމަށް ހިދުމަތްކޮށްދީ ރިޓަޔަރވާ މީހާއާއި، އަދި މިސާލަކަށް އެތައް އަހަރެއް ވަންދެން ޖަލުގައި އޮވެ 65 އަހަރު ވާ މީހާއާއި ޕެންޝަން ދިނުމުގައި އެއްވެސް ތަފާތު ކުރުމެއް ނެތްކަން. އަޅުގަނޑުމެން ހަމަހަމަކަން ބޭނުން." އަސްރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިހާރު އޮތީ އެމްއެންޕީން އެންމެ ގަބޫލްކުރާފަދަ ހަމަހަމަކަމެއް ނޫން ކަމަށެވެ. އަދި މިއީ އެތައް އަހަރެއް ވަންދެން ގައުމަށް ހިދުމަތްކޮށްދެއްވާފައިވާ އިސްރަށްވެހިންނަށް ވެވޭ ބޭ އިންސާފެއް ކަމަށް ވިދާޅުވިއެވެ.
"މިގޮތުން އެބޭފުޅުން ރިޓަޔަރވެ ގޭގައި އަރާމްކުރަންވީ ވަގުތު އެބޭފުޅުންނަކީ ގައުމަށް އޮތް ލަޔަބިލިޓީއެއް ނުވަތަ ބަޖެޓަށް އޮތް ބުރައެއް ނުވަތަ ތަކްލީފެއްކަމަށް ދެކިގެން ނުވާނެ." އަސްރާ ވިދާޅުވިއެވެ.
އެހެންކަމުން އޭނާ އެ ވާހަކަ ދައްކަން ނިންމެވީ އޭނާއެކޭ އެއްފަދަ ޒުވާނުންގެ މުސްތަގްބަލަށް ވިސްނުމަށްފަހު ބިރުގަންނާތީ ކަމަށް ވިދާޅުވިއެވެ. އަދި މާދަމާވެސް ރިޓަޔަރކުރަން ތިބި އެހެންވެސް ހިދުމަތްތެރިންގެ ހައްގުގައި ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޒުވާނުންގެ ކަންބޮޑުވުމަކީ މާދަމާކަމަށްވާތީ މިއަދު ވާހަކަ ދައްކަން އަޅުގަނޑު ނިންމީ، އެހެންކަމުން އެނެލެޓިކަލް ނަޒަރަކުން މިމައްސަލައަށް ބަލައިލާނަން" އަސްރާ ވިދާޅުވިއެވެ.
އެމްއެންޕީން އެދޭގޮތަށް އިންސާފުވެރިކަމާއެކީ ޕެންޝަން ނުދެވެނީ ބަޖެޓަށް ބުރަވާތީކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އަންގާފައިވާކަން ކުރިންވެސް ފާހަގަ ކުރެއްވިކަމަށް ވިދާޅުވެ، އޭނާ ވަނީ ޕެންޝަން އޮފީހުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓަށް އަލިއަޅުވާލައްވައި ތިން ނުކުތާއެއް ފާހަގަ ކުރައްވާފައެވެ.
އެ ނުކުތާތަކަކީ:
1. "2021ގެ އެނުއަލް ރިޕޯޓުގައިވާގޮތުންނަމަ މިވަގުތު 1500 ޕެންޝަނަރުން އެބައުޅުއްވާ، އަދި މި ޕެންޝަނަރުންނަށް މުޅި ޖުމްލަ އަހަރަކަށް ގާތްގަނޑަކަށް 123 މިލިއަން ރުފިޔާ ޕެންޝަންގެ ގޮތުގައި އެބަ ދެވޭ. (މިއީ ބޮލަކަށް 6000ރ ގެ ރޭޓުން) އަދި އަންދާޒާކުރެވޭ ގޮތުގައި މީގެ 30 އަހަރު ފަހުން 2 ލައްކަ ޕެންޝަނަރުންނަށް މި ރޭޓުގައި 16 ބިލިއަން ރުފިޔާ އަހަރަކަށް ޕެންޝަންގެ ގޮތުގައި ދެވޭނެ. މިގޮތުން ޕެންޝަން އޮފީހުގެ އެނުއަލް ރިޕޯޓަށް ބަލައިލާ އިރު މިހާރުވެސް 2 ލައްކަ މީހުންނަށް ޕެންޝަން ދެވޭނެ ވަރުގެ ޕެންޝަން ފަންޑް އެބަހުރި. މިކަން އެނގިގެންދަނީ ހިސާބު ހަދާލީމާ ކަލެކްޓިވް ފަންޑްސްގެ ގޮތުގަ 17 ބިލިއަން ރުފިޔާ ހުރީމަ. ނަމަވެސް އަދިވެސް ޕެންޝަން އޮފީހުން އަންގަނީ ފަންޑް ނެތީމައޭ އަޅުގަނޑުމެން މިއެދޭ ގޮތަށް އިންސާފުވެރިކަމާއެކު ޕެންޝަން ދެވެން ނެތީ. މިކަމުން ދޭހަވަނީ ދައްކާ ވާހަކަ އާއި ފެންނަން ހުރި ހިސާބުތަކާއި ދިމާ ނުވާކަން."
2. "ދެވަނަ ކަމަކަށް ޕެންޝަން އޮފީހަށް އެނުއަލް އިންކަމްގެ ގޮތުގައި ހުރީ 76,891,474 ރުފިޔާ. އަދި މީގެ ތެރެއިން އަހަރަކަށް 36 މިލިއަން ރުފިޔާ ބޭނުންކުރެވިފަވަނީ ޕެންޝަން އޮފީސް ހިންގުމަށް. (އެއީ އޮފީހުގެ އިދާރީ މަސައްކަތްތަކާއި މުއައްޒަފުންގެ މުސާރައަށް އެކަނި) މިގޮތުން މި އަހަރީ ރިޕޯޓްގައި ޕެންޝަން އޮފީހުން ހިންގި ޓެލެންޓް މެނޭޖްމެންޓް ޕްރޮގްރާމެއްގައި 45 މުއައްޒަފުން އިންހައުސްކޮށް ބައިވެރިވި. އެހެންކަމުން މި އެސިއުމްކުރަނީ އިން ހައުސްކޮށް 45 މުއައްޒަފުން މަސައްކަތްކުރާއިރު މަހަކަށް އެވަރެޖްކޮށް މުސާރާއިގެ ގޮތުގައި މުއައްޒަފަކަށް 42،000ރ ލިބޭނެ. އަދި އޮފީސް ހިންގުމަށް އަހަރަކަށް 7 މިލިއަން ހަރަދު އެބަވޭ.
އެހެންކަމުން އުފެދޭ ސުވާލަކީ ޕެންޝަން އޮފީސް ހިންގަނީ ރައްޔިތުންނަށް ލާބަޔާ މަންފާއައްތޯ ނުވަތަ އެހެންކަމަށްތޯ؟"
3. "މީގެ އިތުރުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ އަހަރީ އެސެޓް އެލޮކޭޝަނަށް ބަލައިލާއިރު ސަރުކާރުގެ ބިލާއި ބޮންޑު ގަތުމަށް %88.1 ޕެންޝަންފަންޑުން ބޭނުންކުރެވިފަވޭ. އެއީ ޓްރެޝަރީ ބިލްސްއަށް %63.2 އަދި ޓްރެޝަރީ ބޮންޑްގެ 24.9% މާނައަކީ މި ފާންޑުގެ 88.1% ތަޅުލެވިފައިމިވަނީ ސަރުކާރުގެ ބިލާއި ބޮންޑު ގަތުމަށްކަން. އެހެންކަމުން ސަރުކާރު މިއޮތީ ޕެންޝަން ފަންޑަށް ދަރާފައި.
މިހާރު އޮތް ގޮތުންނަމަ ޕެންޝަންއަށް މިނެގޭ ފައިސާއަކީ ރައްޔިތުންގެ އަތުން އިތުރަށް ނެގޭ ޓެކްސްއެއް"
އަސްރާ ވިދާޅުވީ، އެދުވަހު އެމްއެންޕީއިން ހުށަހެޅި މައްސަލައަކީ ގައުމުގެ އަސްލު ބަތަލުންގެ ހައްގުގައި ހުށަހެޅި މައްސަލައެއް ކަމަށެވެ. އަދި އޭނާ ގަބޫލުކުރަށްވާގޮތުގައި އިސްރައްވެހިން ބާކީ ކޮއްލުމަކީ ގައުމެއް ގައުމެއްގެ ގޮތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.
"ތަރައްގީއަކީ ހަމައެކަނި ކޮންކްރީޓް އިމާރާތްތަކެއް އެޅުމެއްނޫން. ގައުމެއްގެ ހުރިހާ ފުރައެއްގެ އަދި ހުރިހާ ޖިންސެއްގެ އަދި ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ނުދެވެންޏާ އެއީ ތަރައްގީ ކަމަކަށް އަޅުގަނޑެއް ނުދެކެން. ރިޓަޔަރ ވުމަކީ އެކްސްޕަޔަރ ވުމެއް ނޫން. އެކްސްޕަޔަރ ވުމަކީ ދުނިޔެ ދޫކޮށް ދިއުން. އެހެންކަމުން ދުނިޔޭގަ އިންސާނާ ހުރިހާ ހިނދެއްގަ މިލިބެންޖެހޭ ހައްގުތައް ލިބެންވާނެ." އަސްރާ ވިދާޅުވިއެވެ.
އަސްރާ ވަނީ ޒުވާނުންގެ މުސްތަގްބަލަށްޓަކައި މިކަމަށް ވަކާލާތުކޮށް އަޑުއުފުލުމަށް ނުކުތުމަށް ހުރިހާ ޒުވާނުންނަށް އިލްތިމާސްކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!