ޕެންޝަންގެ ހައްގު ފުރިހަމައަށް ދިނުމަށް ގޮވާލާ ހުށަހެޅި މައްސަލައަށް ތާއިދު ނުކުރުމަކީ ޚިދުމަތުގެ އަގުވަޒަން ނުކުރުން: ރިޔާޟް

Abdulla Riyaz

ރާއްޖޭގައި ރިޓަޔަމަންޓް ޕެންޝަން ސްކީމް ދެމުން އަންނަ ގޮތް އިންސާފުވެރި ނޫން ކަމަށް ބުނެ، ޕެންޝަން ގާނޫނުން ކަށަވަރު ކޮށްދީފައިވާ ހައްގުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ގޮވާލައި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް މަޖިލީހަށް ހުށަހެޅި މައްސަލައަށް އެމްޑީޕީއިން ތާއީދު ނުކުރުމަކީ، ގައުމަށް ދިގުމުއްދަތެއްގައި ޚިދުމަތްކޮށް ދެއްވި ބޭބޭފުޅުންގެ ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަން ނުކުރެއްވުންް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕާލިމަންޓްރީ ގުރޫޕު ލީޑަރުކަން ވެސް ކުރަށްވާ ރިޔާޟް ހުށަހެޅުއްވި އެ މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސް ކުރުމާމެދު ގޮތެއް ނިންމަން މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި، 19 މެމްބަރުން ވަނީ އެ މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް ވޯޓު ދެއްވާފައެވެ. އަދި އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ފަސް މެމްބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ދޭން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވާފައިވެ އެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީގެ ސްޕާ މެޖޯރިޓީ އޮންނަ މަޖިލީހުން މި މައްސަލައަށް ތާއީދުނުކޮށް ފެއިލްކޮށްލުމުން ރިޔާޟް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުލަތައް ގިނަދުވަހު ޚިދުމަތް ކޮށްފަވާ ބައެއް ބޭފުޅުންގެ ހައްޤުތަައް ޕެންޝަން ގާނޫނުން ގެއްލިފައިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި މައްސަލައަށް އެމްޑީޕީ އިން ތާއިދު ނުކުރުމަކީ އެބޭފުޅުން ގައުމަށް ދިގުމުއްދަތައް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަން ނުކުރެއްވުން ކަމަށެވެ.

ރިޔާޟް ހުށަހެޅުއްވި އެ މައްސަލާގައި ވިދާޅުވެފައި ވަނީ އެމްއެންޕީއިން ޕެންޝަނާބެހޭ ޤާނޫނާއި ގުޅޭގޮތުން ކުރި ދިރާސާއިން ފާހަގަކުރެވިފައިވާ ގޮތުގައި އަސާސީ ޕެންޝަނުގެ ގޮތުގައި ލިބެންޖެހޭ 5000 ރުފިޔާ، ޕެންޝަންގެ ހައްގުވެރިންނަށް ފުރިހަމައަށް ލިބުމަށް ހުރަސްއެޅިފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

"އެހެނީ ރިޓަޔަމަންޓް ޕެންޝަނުން މީހަކަށް ޖުމްލަގޮތެއްގައި ޖެހޭ އަދަދަކީ މިސާލެއްގެ ގޮތުން 3000 ރުފިޔާ ނަމަ، އުމުރުން ދުވަސްވީ މީހުންގެ ޕެންޝަންގެ 5000 ރުފިޔާގެ ތެރެއިން 3000 ރުފިޔާ އުނިކޮށް، 2000 ރުފިޔާއާއި ރިޓަޔަމަންޓްގެ ގޮތުގައި ލިބޭ 3000 ރުފިޔާ އާއެކު މުޅި ޖުމްލަ އެފަރާތަކަށް ލިބިގެންދާނީ 5000 ރުފިޔާއެވެ. ޝައްކެއްވެސް ނެތް ގޮތުގައި މިއީ އިންސާފުވެރިގޮތެއް ނޫނެވެ." އެ މައްސަލާގައި ބުނެފައިވެއެވެ.

އެ ގޮތް އިންސާފުވެރިނޫން ކަމަށް ބުނާ ސަބަބަކީ، ރިޓަޔަމަންޓް ސްކީމާއި އުމުރުން ދުވަސްވުމުން ދޭ އިނާއަތަކީ މުޅިން ތަފާތު ދެ ސްކީމަކަށް ވެފައި، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވުމަކީ އެއްވެސް މީހެއްގެ ހައްގަށް އުނިކަމެއް އަންނަންޖެހޭނެ އުޒުރެއް ނޫންކަމަށްވުން ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.

"އެހެންކަމުން، ޤާނޫނުތައް ބައްޓަންކުރެވިފައިވާ ގޮތާއި މި ސްކީމްތަކަށް ގެނެސްފައިވާ އިސްލާހުތަކުގެ ނަތީޖާއަކީ ގިނަ އަހަރުތަކަކަށް ވަޒީފާ އަދާކޮށް ރިޓަޔަރވެފައިވާ ފަރާތްތަކާއި ވަޒީފާ އަދާނުކޮށް އުމުރުން ދުވަސްވުމުން ޕެންޝަން ލިބޭ ފަރާތްތަކަށް ލިބޭ މާލީ މަންފާތަކުގެ މާބޮޑު ތަފާތެއް ނެތުމެވެ." އެ މައްސަލާގައި ބުނެފައިވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މައްސަލަ ހުށަހަޅުއްވަމުން ރިޔާޟު ވިދާޅުވެފައި ވަނީ ޕެންޝަން ގާނޫނުގައި ކަށަވަރުކޮށްދީފައިވާ ހައްގުތައް ޕެންޝަން ފަންޑުގެ ބައިވެރިންނަށް އެދެވޭ ގޮތެއްގައި ލިބެމުން ނުދާ ކަމަށެވެ. އަދި ޕެންޝަން ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހަށް ފަހު ޕެންޝަން ފަންޑުން އަސާސީ ޕެންޝަނުގެ ގޮތުގައި ކޮންމެ މަހަކު 5،000 ރުފިޔާ ލިބެންޖެހޭ މީހުންނަށް އެގޮތަށް އެ ފައިސާ ނުލިބޭ ކަމަށް ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި