ބޮޑުތިލަދުންމަތީގެ ތިންރަށެއް ހިމެނޭހެން ފަސް ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަނެއް ބޭއްވުމަށް ނިންމަވާފައިވާ ބޮޑުތިލަދުންމަތީގެ ތިންރަށަކީ ހއ. ވަށަފަރާއި، ށ. ޅައިމަގުގެ އިތުރުން ށ. ކޮމަންޑޫއެވެ.
މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކުރެއްވި އިޢުލާނެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް، ހއ. ވަށަފަރު، ށ. ޅައިމަގުގެ އިތުރުން ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، އަންނަ ޖުލައި މަހުގެ 02 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސަވާފައި ވާކަމަށެވެ.
އެގޮތުން ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކާއި، ށ. ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރެއްގެ އިތުރުން ށ. ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ދެ މެންްބަރަކު އިނތިޚާބު ކުރުމަށްވަނީ ހަމަޖެހިފައެވެ.
މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2022 މޭ 18 ވާ ބުދަ ދުވަހުގެ 09:00 ން ފެށިގެން، 2022 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށެވެ. އިންތިޚާބަށް ކުރިމަތުލިމަށް އެދޭ ފޯމު މެއިލްކުރަން ޖެހެނީ އިލެކްޝަންސް ކޮމިޝަނުގެ candidacy@elections.gov.mv މެއިލަށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަންސް ކޮމިޝަނުން އަންގާނީ އެޕްލިކޭޝަން ފޯމުގައި އެފަދަ އެންގުންތައް ފޮނުވުމަށް ކެންޑިޑޭޓުން ބަޔާންކޮށްފައިވާ މެއިލަށް ކަމަށް ކޮމިޝަނުން ހާމަކުރައްވައެވެ.
ހއ. ވަށަފަރު، ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2022 ޖުލައި 02 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށެވެ.
އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2022 ޖުލައި 04 ވާ ހޯމަ ދުވަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!