ރާއްޖެއިން ކުރިން ނުފެންނަ ބާވަތެއްގެ ދޫންޏެއް ފެނިއްޖެއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ރާއްޖެއިން ސްޓޯކް ދޫންޏެއް ފެނިފައިވާ ކަމަށެވެ. އަދި މީގެކުރިން މިބާވަތުގެ ދޫންޏެއް ރާއްޖޭން ފެނިފައިވާކަން އެނގިފައި ނުވާ ކަމަށް ބުނެފަވެއެވެ.

Ad
rt

މާކަނާގެ އާއިލާގެ ބާވަތެއްގެ ސިފަޔަށް އިންނަ މި ދޫނި ފެނުނީ ލ. ހިތަދޫން މިދިޔަ ފެބްރުއަރީ 20 ގައެވެ.

އީޕީއޭ އިން މައުލޫމާތުދޭ ގޮތުގައި ވައިޓް ސްޓޯކް އަކީ ފިނި މޫސުމުގައި ދެކުނު އިންޑިއާ އިން އަދި މަދުން ނަމަވެސް ލަންކާ އިން ފެންނަ ދޫންޏެކެވެ.

އީޕީއޭއިން ބުނީ އެ ދޫނި މައިގަނޑު ގޮތެއްގައި ކަނީ މަސްކާށި ދޫންޏާއި ބޮއް ފަދަ ކުދި ޖަނަވާރު ކަމަށެވެ. އަދި މަހާއި ބިސް ވެސް ކައި އުޅެ އެވެ. މި ބާވަތުގެ ދޫނި ދިރިއުޅެނީ ކުޅި ކަހަލަ ތަންތަނުގަ އެވެ.

މި ދޫނީގެ ހަށިގަނޑުގެ ބޮޑު ބައި ހުންނަނީ ހުދުކުލައިގައެވެ. އަދި ފިޔަގަނޑުގައި ކޮންމެވެސް ވަރަކަށް ކަޅުކުލަ ހުރެ އެވެ. ފަޔާއި ތުން ހުންނަނީ ރަތް ކުލައިގަ އެވެ.

މި ދޫނީގެ އާބާދީ މިހާރު އެންމެ ގިނައީ ސްޕެއިން، ޕޮލެންޑް އަދި ބޮލްޓިކް ސަރަހައްދުގައެވެ. އަދި މި ދޫނި އާންމުކޮށް ފެންނަނީ އުތުރު އެފްރިކާ އާއި މެދު އިރުމަތީގެ ގައުމުތަކުގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުންނެވެ.