އިންސާނީ ވަޞީލަތާއި ހުނަރު ތަރައްޤީކުރުމަށް އީޖާދީ މަޝްވަރާތައް ކުރިޔަށް ގެންދިއުމުގެ މުހިންމުކަން މިހާރު މާބޮޑު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ނެޝަނަލް އެޗް.އާރު. ކޮންވެންޝަން އެންޑް އެކްޕޯ 2022" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ޢާންމުކޮށް މަސައްކަތްކުރާ ވައްޓަފާޅިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށާއި އެއާއެކު ވަރަށް އަގުހުރި ފިލާވަޅުތަކެއް ދަސްވެގެން ދިޔަކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވައި ލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންސާނީ ވަޞީލަތާ، ހުނަރުތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން އީޖާދީ މަޝްވަރާތައް ކުރިޔަށްގެންދިއުމުގެ މުހިންމުކަން ކުރިޔަށްވުރެ މިހާރު މާބޮޑުކަން ފާހަގަ ކުރައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި މި ބަލިމަޑުކަމުގެ ސަބަބުން، އުފެއްދުންތެރިކަން ކުރިއެރުވުމަށް ކޮންމެ މުވައްޒަފަކު މޭޒުދޮށުގައި ތިބެންނުޖެހި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެމަސައްކަތްތައް ކުރެވޭނެކަން އެނގިގެން ދިޔަކަން ފާހަގަ ކުރެއްވިއެވެ. ހަމައެހެންމެ ކޮވިޑްގެ ޙާލަތުން ޢާންމު ޙާލަތަކަށް ރުޖޫޢަވަމުންދާއިރު، މުވައްޒަފުންގެ ޖިސްމާނީ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ފަދައިން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ވެސް އެހާމެ މުހިންމުކަން ދޭންޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމް.އޭ.އެޗް.އާރް.ޕީ) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންވެންޝަންގައި ރާއްޖޭގެ މަޝްހޫރު ތަޖުރިބާކާރުންނާއި އަދި ބައިނަލްއަޤްވާމީ ތަޖްރިކާރުން ބައިވެރިވާނެ އެވެ.
ނޭޝަނަލް އެޗް.އާރު ކޮންވެންޝަން އެންޑް އެކްސްޕޯގެ މިއަހަރުގެ ޝިޢާރަކީ "ޓްރާންސްފޯމޭޝަން އެންޑް ކަލްޗަރ - ފިއުޗަރ އޮފް ހިއުމަން ކެޕިޓަލް" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!