ހދ. ހަނިމާދޫ ސްކޫލްގެ ވަށާފާރުގައި "އިންޑިއަން އައުޓް" ލިޔެފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ހަރަކާތަށް "އިންޑިއާ އައުޓް" އަދި "އިންޑިއާ މިލިޓަރީ އައުޓް" ބޭނުން ކުރިނަމަވެސް ހަނިމާދޫ ސްކޫލްގެ ވަށާފާރުގައި ލިޔެފައި ވަނީ "އިންޑިއަން އައުޓް" އެވެ.

Ad
rt

މި އިބާރާތް ހަނިމާދޫ ސްކޫލް ފާރުގައި ލިޔެފައި ވަނީ ހަނިމާދޫގައި އިމާރާތްކުރާ މިސްކިތެއްގެ ބިންގާ އެޅުމަށް މިއަދު އިސްލާމިކް މިނިސްޓަރު ޑރ. އަހްމާދު ޒާހިރު ޢަލީ އާއި އެ މިނިސްޓްރީގެ ޓީމެއް އެރަށަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށް ރޭގެ ވަގުތެއްގައެވެ.

އެ މިސްކިތަކީ ހަނިމާދޫ ސްކޫލް ކައިރީ އިމާރާތް ކުރުމަށް ނިންމާފައިވާ މިސްކިތެކެވެ. އެ އިބާރާތް ލިޔެފައި ވަނީ އެ މިސްކިތުގެ ބިންގާ އެޅުމަށް ނިންމާފައިވާ ސަރަހައްދު ހިމެނޭ ފަރާތުގެ ފާރުގައެވެ.

މިސްކިތު ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ދައުވަތުދީފައިވާ ފަރާތްތައް އެ ސަރަހައްދަށް ދިޔުމުގެ ކުރިން ހަނިމާދޫ ސްކޫލުން ވަނީ އެ ސްކޫލްގެ ފާރުގައި ލިޔެފައިވާ "އިންޑިއަން އައުޓް" އިބާރާތް ފުހެލާފައެވެ.

މީގެ ކުރީން ހަނިމާދޫގެ ބައެއް މަގުތަކުގައި އަޅާފައިވާ ތާރުގަނޑުގައި ވަނީ "އިންޑިއާ އައުޓް" ލިޔެފައެވެ. އަދި އެހެން ލިޔެ ބައެއް މަގުތަކުގައި ބެނާ ވެސް ދެމިއެވެ.

މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ވަނީ ހަނިމާދޫގައި "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހަރަކާތެއް ހިންގަން ތައްޔާރުވަމުންދާ ކަމަށް ވެސް ބުނެފައެވެ. އެފަހަރު އެކަން ކުރިއަށް ނުދިޔައީ އެކަމަށް އިދިކޮޅުން ކަނޑައެޅި ތާރީޚްގައި ކޯވިޑްގެ ސަބަބުން އެރަށަށް އަރާފޭބުން މަނާކުރުމުން ކަމަށް އިނގިފައިވެއެވެ.

ހަނިމާދޫއަކީ 30 އަށްވުރެ ގިނަ އިންޑިއާ ސިފައިން ގާއިމުތިބޭ ރަށެކެވެ. އަދި އޭގެ ބައެއް ސިފައިންގެ އާއިލާތައް ވެސް އެރަށުގައި ދިރިއުޅެއެވެ.

އިންޑިއާއި މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައި ވުމުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ މައްޗަށް އަންގަވާފައެވެ.