އެއް ވަނަ އަށްދާ ފަރާތަކަށް 7 ލައްކަ ރުފިޔާ ލިބޭގޮތަށް، ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ ޑިޒައިން ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވި ގޮތުގައި ހުޅުމާލެ ފޭސް ދޭއްގައި ޒަމާނީ ފެންވަރުގެ އިސްލާމިކް ސެންޓަރެއް ބިނާކުރުމުގެ ގޮތުން ހަދާ މި އިސްލާމިކް ސެންޓަރު ޑިޒައިން ކުރުމަށް ރާއްޖޭގެ ކޮންމެ އާކިޓެކްޗަރަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

Ad
rt

މިއަދު ހުޅުވާލި މިފުރުސަތުގެ ދަށުން މި މުބާރާތުގެ 1 ވަނައަށް ދާ ފަރާތަކަށް 7 ލައްކަ ރުފިޔާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މި މުބާރާތުގެ 2 ވަނަ އަދި 3 ވަނަ ވެސް ވަނީ އިނާމް ދޭން ނިންމާފައެވެ. މިގޮތުން 2 ވަނަ އަށް ދާ ފަރާތަކަށް 2 ލައްކަ ރުފިޔާ އަދި 3 ވަނަ އަށް ދާ ފަރާތަކަށް 1 ލައްކަ ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

އިސްލާމިކް ސެންޓަރުގެ މި ޑިޒައިންގައި ހިމަނަންޖެހެނީ ނަމާދުކުރެވޭނެ ތަނަކާއި ޕާކިންގ އޭރިއާއާއި، އޮފީސްބަޔަކާއި، މަލްޓީޕާޕަސް ހޯލާއި، ސެމިނަރ ރޫމާއި، ލައިބްރަރީ އަދި ސްޓާފް ކެންޓީނާއި ކާލްސްރޫމްތަކާއި ކޮމާޝަލް އޭރިއާ އަކާއި ރެކްރިއޭޝަނަލް އޭރިއާ އެކެވެ.

މި ޑިޒައިނަކީ ތަފާތު އާޚިޔާލަކަށް ހަދާ ޑިޒައިނަކަށްވާއިރު އެއްވެސް ތަނަކުން މިހާތަނަށް ބޭނުންކޮށްފައިވާ ޑިޒައިނަކަށް ވެގެން ނުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށްއެދި ހުށަހަޅަންޖެހެނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުގައިވާ ގޫގްލް ފޯމު މެދުވެރިކޮށެވެ.

25 އޮގަސްޓް 2022 ގެ ނިޔަލަށް މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އިތުރު މައުލޫމާތު ސާފު ކުރުމަށް 07 ޖޫން 2022 ގެ ކުރިން އިސްލާމިކް މިނިސްޓްރީގެ ރަސްމީ މެއިލް competitions@islamicaffairs.gov.mv އަށް މެއިލް ކުރުމަށް އެ މިނިސްޓްރީން އެދެއެވެ. އަދި ސުވާލުތަކަށް 13 ޖޫން 2022ގެ ކުރިން ޖަވާބު ފޮނުވާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މު ބާރާތުގެ އިތުރު މަޢުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުން ވެސް ލިބޭނެއެވެ.