ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލަ އެރަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ރަށަށް ގެންދިޔައީ މި މަޖުގެ 16 ވަނަ ދުވަހު ކަމަށެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމާއި، 80 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 39.9 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލަ އެރަށަށް ގެންގޮސް މަސައްކަތް ފަށަން ތައްޔާރުވެފައިވާއިރު އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫޢުތައް ހިންގަމުންނެވެ. މީގެ ތެރޭގައި މި ސަރުކާރުގެ މުހިންމު ވަޢުދުތައް ފުއްދުމަށް ހިންގާ އެކި ވަރުގެ މަޝްރޫޢުތައް ހިމެނެއެވެ.

އެމްޓީސީސީން ފޯރުކޮށްދޭ ދަތުރުފަތުރުގެ ޚިދުމަތުގެ އިތުރުން އާރާސްތުކުރުމުގެ ދާއިރާއިން ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުމާއި، ބަނދަރުތައް ހަދައި، ގިރާ ސަރަހައްދުތައް ހިމާޔަތް ކުރުމާއި، މަގު ހެދުމާއި، ބިން ހިއްކުމާއި، އިމާރާތް ކުރުންފަދަ ގިނަ މަޝްރޫޢުތަކެއް ހިންގަމުން ދެއެވެ.