ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާޙްތައް ތަންފީޒުކޮށް ޙަޤީޤީ މަންފާ ލިބުމަށް ކައުންސިލްތަކަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށާއި، ކުރެވެމުންދާ މަސައްކަތާއެކު އެކަމަށް ހައްލު ހޯދޭނެކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިދޭ ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން ހުވާކޮށް މަގާމާއި ހަވާލުވިތާ އިއްޔެއަކީ އެއް އަހަރު ފުރޭ ދުވަހެވެ.
ހަތަރުވަނަ ދައުރަކަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކުރެއްވިތާ އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކައުންސިލަރުންނަށް މަރުހަބާ ދަންނަވައި، އަފްޝަން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކައުންސިލްތައް ހުވާކުރިތާ އެއް އަހަރުވުން ފާހަގަކުރާއިރު ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާޙްތައް ތަންފީޒުކޮށް ޙަޤީޤީ މަންފާ ލިބުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ.
"މިކަންކަން ކުރުމަށް ފުށުއަރާ ޤާނޫނުތަކާއި ސިޔާސަތުތައް ބަދަލު ކުރުމަށް ދަނީ މަސައްކަތް ކުރަމުން، އިރާދަކުރެއްވިއްޔާ މިކަމުގެ ނަތީޖާ ލަސްތަކެއްނުވެ ފެނިގެންދާނެ،" އަފްޝަން ވިދާޅުވެފަވެއެވެ.
ހަމައެޔާއެކު ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކަށް މުޅި ދައުލަތް އަހުލުވެރިވާންޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މި ނިޒާމާމެދު އޮތް ބީރައްޓެހިކަން ނެތި ކުރުމަކީ އެންމެ އިސްކަންދޭންޖެހޭ އަމާޒު ކަމަށް ވިދާޅުވިއެވެ.
"އުއްމީދަކީ ސަރުކާރުގެ އިދާރާތަކާއި ރައްޔިތުންގެ މަޖިލީހާއެކު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އަވަސް މުސްތަގުބަލެއްގައި ލޭންޑް ޔޫސް ޕްލޭންތައް ފާސްކުރެވި، ކަައުންސިލްތަކަށް އާމްދަނީ ލިބޭނެގޮތް ހުޅުވި ތަރައްގީގެ ޕްލޭންގަައި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލްވެގެން ދިޔުން،" އަފްޝަން ވިދާޅުވެފަވެއެވެ.
ތަރު ވަނަ ދައުރަށް ހުވާކުރެވުނު ކައުންސިލަރުންނާއި މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވިތާ އެއް އަހަރު މިއަދަށް ފުރުމާއި ގުޅިގެން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި އެލްޖީއޭއިން ވެސް ވިދާޅުވެފައި ވަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަޔާތުން 12 އަހަރު ފުރިގެން ދިޔައިރު ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނުކަމަށާއި ވަރަށް ގިނަ އަޑި ގުޑަންތައް ހުރަސްކުރަންޖެހުކަމަށެވެ. އަދި ކުރިމަތިވަމުން ދިޔަ ދަތިތަކުން އަރައިގަތުމަށް އެތައް މަސައްކަތްތަކެއް ކުރެވުނުކަމަށް ވިދާޅުވެފައިވެއެވެ.
އެ ނޫސްބަޔާނުގައި ވަނީ، ވޭތުވެ ދިޔަ އެއް އަހަރުގެ ތެރޭގައި ކައުންސިލްތަކުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިކަމަށް ފާހަގަ ކުރައްވާފައެވެ. އަދި ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދާ ޤާނޫނުން ދީފާވާ ބާރުތަކުގެ ތަރަހައިގެ ތެރޭގައި އިތުރު ކުރިއެރުންތަކާއި ކާމިޔާބުތައް ހޯދުމަށް ކައުންސިލްތަކުން ހީވާގި ކަމާއެކު މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އެ އޮތޯރިޓީގެ ފަރާތުންވެސް ކައުންސިލްތަކާ، ދައުލަތުގެ އެކި މުއައްސަސާތަކާ، މަދަނީ ޖަމިއްޔާތަކާ އަދި ބައިނަލް އަޤްވާމީ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކޮށްފާވާކަން ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!