ށ. މިލަންދޫގައި ދަރިވަރުންނަށް ރައްކާތެރި މާޙައުލެއް ކަށަވަރު ކޮށްދިނުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި ސްކޫލު ދަރިވަރުން ރަށުތެރޭގައި ޙަރަކާތްތެރިވާގޮތް މޮނީޓާ ކުރުމަށް ނިންމައިފިއެވެ.

މިކަން ބަޔާންކޮށް މިލަންދޫ ކައުންސިލުން އާންމުކުރެއްވި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، މިހާރަކަށް އައިސް އެރަށުގައި ސްކޫލު ދަރިވަރުންގެ މެދުގައި ބުލީ ކުރުމުގެ ޢަމަލުތައް އިތުރުވެ، މުހިންމު ބޭނުމެއްނެތި ދަރިވަރުން ރަށުތެރޭގައި ގްރޫޕް ހަދައިގެން އުޅޭ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ.

Ad
rt

އެހެންކަމުން މިފަދަ ޢަމަލުތަކަކީ އެ ދަރިވަރުން ކުށުގެ ވެށްޓަށް ހުށަހެޅިދާނެ ޢަމަލުތަކެއް ކަމުގައި ބެލެވޭތީ، އެކަން ހުއްޓުވައި، ދަރިވަރުންނަށް ރައްކާތެރި މާޙައުލެއް ކަށަވަރު ކޮށްދިނުމުގެ މަޤުޞަދުގައި ރަށުގެ މުއައްސަސާތައް ގުޅިގެން ސްކޫލު ދަރިވަރުން ރަށުތެރޭގައި ޙަރަކާތްތެރިވާގޮތް މޮނީޓާ ކުރުމަށް ނިންމާފައިވާކަމަށެވެ.

އެ ކައުންސިލުން ވަނީ ސްކޫލު ދަރިވަރުން ރަށުތެރޭގައި ޙަރަކާތްތެރި ގޮތް މޮނީޓާ ކުރުމުގެ ގޮތުން އެޅުމަށް ނިންމި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ސްކޫލުގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި ޢާއްމުކޮށް ރަށުގެ އެންމެހައި ރައްޔިތުންގެ ފަރާތުން މުއައްސަސާތަކަށް އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

މިލަންދޫގައި ދަރިވަރުން ރަށުތެރޭގައި ޙަރަކާތްތެރި ގޮތް މޮނީޓާ ކުރުމުގެ ގޮތުން އެޅުމަށް ނިންމި ފިޔަވަޅުތައް

  • ސްކޫލު ދަރިވަރުން، ކުޅިވަރުކުޅޭ ދަނޑުތައް ބޭނުންކުރާ ގަޑިއަކީ ހަވީރު 04:00 އިން 06:00 އަށްކަމަށް ކަނޑައެޅުން، މިނޫން ވަގުތުތަކުގައި، ހާއްސަކޮށް ރޭގަނޑު ދަނޑަށް ގޮސް ކުޅެން އުޅުމަކީ މަނާ ކަމެއްކަމަށް ކަނޑަައެޅުން،
  • ކުޅެން ދިއުމަށް ކަނޑައަޅާފައިވާ ވަގުތު ފިޔަވައި އެހެން ވަގުތު ތަކުގައި ކުޅެން އުޅޭ ދަރިވަރުންނާއި، އަދި ކުޅުމަށް ކަނޑައަޅާފައިވާ ވަގުތުގައި އެކަމަށް އެކަށޭނަ ހެދުން (ކުޅިވަރު ކުޅުމުގައި ބޭނުންކުރާ ޖާރޒީ ފަދަ ހެދުން) ބޭނުން ކުރުމުގެ ބަދަލުގައި ހަވީރީ ހެދުން ލައިގެން ކުޅެންދާ ދަރިވަރުން ގެއަށް ފޮނުވާލުން،
  • މިސްކިތަށް ނަމާދަށް ގޮސް މިސްކިތުގެ ބޭރާއި އެތެރޭގައި ވާހަކަ ދައްކައި، ސަކަރާތްޖަހާ ދަރިވަރުންނާއިމެދު ފިޔަވަޅު އެޅުން،
  • ރޭގަނޑު އެކި ސަރަޙައްދުތަކުގައި (ޖޯލިފަތި، ބޯޅަދަނޑު، ރަންފަސް ބީޗް، ސިކުނޑި ކުޅި ފަދަ ތަންތަނުގައި) ގްރޫޕް ހަދާފައި، ބެލެނިވެރިންނާއި ނުލައި އުޅޭ ދަރިވަރުން ގެޔަށް ފޮނުވާލައި، އެ ދަރިވަރުންނާއިމެދު ފިޔަވަޅު އެޅޭނުން،
  • ސްކޫލް ދަރިވަރުން، އެކަނި ނުވަތަ ގްރޫޕް ހަދާފައި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނަށް ދިއުން މަނާކޮށް، އެފަދަ ތަންތަނަށް ދާނަމަ، ދާންވާނީ ބެލެނިވެރިޔަކާއި އެކުގައިކަމަށް އެންގުން، މިއާއި ޚިލާފުވާ ދަރިވަރުންނާއިމެދު ފިޔަވަޅު އެޅޭނުން،
  • ސްކޫލު ދަރިވަރުން، އައުޓްޑޯރ ޖިމް ބޭނުންކުރާނަމަ، ބޭނުންކުރަންވާނީ އެތަން ބޭނުންކުރުމަށް ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތައްކަމަށް އެންގުން، އަދި އެގޮތުން ބެލެނިވެރިންނާއި ނުލައި އެތަނަށް ގޮސްއުޅޭ ދަރިވަރުން ގެއަށް ފޮނުވާލުން،
  • ދަރިވަރުން ބައިސްކަލު ދުއްވާއިރު ދުއްވަންވާނީ އެކަމާއި ހެދިފައިވާ ޤަވާއިދުތަކާއި ބައިސްކަލުގެ ބުރެކި ރަނގަޅުކަން ކަށަވަރުކުރުމާއި، ރޭގަނޑު ބައިސްކަލު ދުއްވާނަމަ، ލައިޓް ހަރުކޮށްގެން ދުއްވަން ޚާއްސަ ސަމާލުކަމެއް ދިނުމަށް އެންގުން، މިއާއި ޚިލާފަށް ބައިސްކަލު ދުއްވާ ދަރިވަރުންނާއިމެދު ފިޔަވަޅު އެޅުން،
  • ހަފުތާ ބަންދުގައި ނުވަތަ އެނޫން ދުވަސްތަކުގައި ވިޔަސް ދަރިވަރުން މޫދަށް އެރެންވާނީ ބެލެނިވެރިއެއްގެ ހާޒިރުގައިކަމަށް ކަމަށް ކަނޑައެޅުން، އަދި ހުކުރު ދުވަހު ހެނދުނުގެ ވަގުތުގައި މޫދަށް އެރޭ ދަރިވަރުން ލަސްވެގެން 10:45 ގެ ކުރިން މޫދުން އަރަން އެންގުން، މިއާއި ޚިލާފުވާ ދަރިވަރުންނާއިމެދު ފިޔަވަޅު އެޅުން،

މީގެ އިތުރުން މިލަންދޫ ކައުންސިލުން ވަނީ ސްކޫލު ދަރިވަރުންނަށް ފޯނު ދިނުމާއި، އެ ދަރިވަރުން ސޯޝަލް މީޑިއާ ބޭނުންކުރާގޮތާއިމެދު ބެލެނިވެރިން މިހާރަށްވުރެ އިތުރަށް ހޭލުންތެރިވެ، ދަރިވަރުންގެ އެފަދަ ޢަމަލުތައް ގާތުން ބަލައި މޮނީޓާ ކުރުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރަށްވާފައެވެ.

މި ފިޔަވަޅުތަކާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ޙިއްސާކުރައްވާނަމަ، 9540063 ނުވަތަ 9183997 ނަންބަރު ފޯނާއި ގުޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.