ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި ކައުންސިލްތަކުންވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

އެލްޖީއޭއިން މިގޮތަށް ބުނެފައިވަނީ، ހަތަރު ވަނަ ދައުރަށް ހުވާކުރެވުނު ކައުންސިލަރުންނާއި މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވިތާ އެއް އަހަރު މިއަދަށް ފުރުމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގަ އެވެ.

Ad
rt

އެބަޔާނުގައި ބުނެފައިވަނީ، ވޭތުވެ ދިޔަ އެއް އަހަރުގެ ތެރޭގައި ކައުންސިލްތަކުންވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިކަމަށާއި ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދާ ޤާނޫނުން ދީފާވާ ބާރުތަކުގެ ތަރަހައިގެ ތެރޭގައި އިތުރު ކުރިއެރުންތަކާއި ކާމިޔާބުތައް ހޯދުމަށް ކައުންސިލްތަކުން ހީވާގި ކަމާއެކު މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފަ އެވެ. އަދި އެ އޮތޯރިޓީގެ ފަރާތުންވެސް ކައުންސިލްތަކާ، ދައުލަތުގެ އެކި މުއައްސަސާތަކާ، މަދަނީ ޖަމިއްޔާތަކާ އަދި ބައިނަލް އަޤްވާމީ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކޮށްފާވާކަން ފާހަގަކޮށްފައިވެއެވެ.

"ނަމަވެސް ބައެއް މަސައްކަތްތައް ކުރުމުގައި އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ. މި ގޮންޖެހުންތަކައި ކުރިމަތިލާން ޖެހިފާވަނީ މާލީ ގޮތުންނާއި ފަންނީ ގޮތުން ބައެއް ދަތިތައް ހުރުމުން ކަމަށް ޤަބޫލުކުރެވެއެވެ."

އެބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަކީ ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ނުހަނު ބޭނުންތެރި އެހާމެ މުހިންމު ކަމެއްކަމަށާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ވެސް ބަޔާން ކުރަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ވާނީ ލާމަރުކަޒީ އުސޫލުން ކަމުގައިވުމުން، ޤާނޫނު އަސާސީން ބާރުލިބިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) އުފަންވެ އެ ޤާނޫނަށް އަމަލުކުރަން ފެށުން ވެގެން ދިޔައީ، ދިވެހިރާއްޖޭގައި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ރަސްމީ ސިފައެއްގައި ހިންގަން ފެށުންކަމުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަޔާތުން 12 އަހަރު ފުރިގެން ދިޔައިރު ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނުކަމަށާއި ވަރަށް ގިނަ އަޑި ގުޑަންތައް ހުރަސްކުރަންޖެހުކަމަށާއި ކުރިމަތިވަމުން ދިޔަ ދަތިތަކުން އަރައިގަތުމަށް އެތައް މަސައްކަތްތަކެއް ކުރެވުކަމަށް ބުނެފައިވެއެވެ.

މިގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އެތައް އިސްލާހު ތަކެއް ގެނެވުނެވެ. މި އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކަށް އިތުރު ބާރުތަކެއް ލިބިގެން ދިޔައެވެ. މި ގޮތުން ފާހަގަކޮށްލެވޭ އެންމެ ބޮޑު އިސްލާހަކީ މި ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހެވެ. މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ދައުރު 5 އަހަރަށް ބަދަލުވެ، ކައުންސިލްތަކުގެ ރައީސުން ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރާގޮތަށްވުމާއި އަތޮޅު ކައުންސިލްގެ މެމްބަރުންގެ ގޮތުގައި ރަށު ކައުންސިލްތަކުގެ ރައީސުން ކަނޑައެޅުނެވެ. އަދި ކައުންސިލްތައް މާލީ ގޮތުން ތަނަވަސް ބަޔަކަށް ހެދުމަށްޓަކައި ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ ފުރުސަތު އިހުނަށްވުރެ ބޮޑަށް ފަހިކޮށްދީ ޤާނޫނުން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިދެވުނެވެ. ދިޔައެވެ. މީގެ އިތުރަށް އަންހެނުން ބާރުވެރިކުރުމަށްޓަކައި ކައުންސިލްގެ 33 އިންސައްތަ އަންހެން ބޭފުޅުންނަށް ޚާއްޞަ ކުރެވުނެވެ. މި އިސްލާހުގެ ސަބަބުން އިދާރީގޮތުންނާއި ސިޔާސީ ގޮތުންނާއި އަދި މާލީ ގޮތުން އިތުރަށް ލާމަރުކަޒު ކުރެވުންކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.

އެ އޮތޯރިޓީގެ ފަރާތުން ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކައުންސިލްތަކުގެ ޕާފޯމެންސް އިވެލުއޭޓް ކުރުމާއި ކައުންސިލްތައް މޮނިޓަރ ކުރުމާއި ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަމްރީން ޕްރޮގްރާމްތައް ހިންގުނުކަމަށާއި އެ ގޮތުން ކައުންސިލްތަކަށް އަމާޒުކޮށްގެން 75 ތަމްރީން ޕްރޮގްރާމް ހިންގުނުކަމަށް ބުނެފައިވެއެވެ. އަދި މި ޕްރޮގްރާމްތަކުގައި 14،800 އަށް ވުރެ ގިނަ ބައިވެރިން، ބައިވެރިކަން ފާހަގަކޮށްފައިވެއެވެ. އަދި މިޕޮރޮގްރާމްތަކުގައި އަންހެން ކައުންސިލަރުންނާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ހުނަރާއި ފަންނީ ޤާބިލުކަން އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެވިފާވާނެކަމަށް ބުނެފައިވެއެވެ.

ހަތަރުވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކުރައްވާ މަޤާމުގެ ޒިންމާއާއި ހަވާލުވެ ވަޑައިގެންނެވިތާ އެއް އަހަރު ފުރޭ މި މުނާސަބު ދަނޑިވަޅުގައި އެ ބޭފުޅުން ކުރައްވަމުންގެންދަވާ އަގުހުރި ޤައުމީ މަސައްކަތްތައް އިޚުލާސްތެރިކަމާއިއެކު އެ އޮތޯރިޓީން ފާހަގަކުރާކަމަށާއި ޤައުމާއި އަތޮޅާއި ރަށުގެ ހައްޤުގައި ކައުންސިލްތަކުން ތާއަބަދު ކުރަމުންދާ މަސައްކަތްތަކުގެ ލާބަޔާ މަންފާ ހެޔޮގޮތުގައި ރައްޔިތުންނަށް ލިބުމަކީ އެ އޮތޯރިޓީގެ އުއްމީދެއްކަމަށް ބުންޏެވެ.

އަބަދުވެސް ކައުންސިލްތަކުގެ މަސައްކަތްތައް ޤާނޫނާއި ޤަވާއިދު ތަކުގެ ތެރެއިން ކުރުމަށް ހަނދާންކޮށްދެމުން މި މުނާސަބު ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންނަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް ތަހުނިޔާ ދަންނަވާފައިވެއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެވެނު އިސްލާހީ ބޮޑު ބަދަލާއެކު އިންތިޚާބުވި ކައުންސިލަރުން އިންތިޚާބުކޮށް ހުވާކުރެވުނީ 2021 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހުއެވެ. އަދި ހަމަ އެ ދުވަހުވަނީ އަލަށް އިންތިޚާބު ކުރެވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އެ ބޭފުޅުންގެ އިޤްރާރުގައި ސޮއި ވެސް ކުރައްވާފައެވެ.