ކުޅުދުއްފުށީ އެއާޕޯޓްގެ ޚިދުމަތް ހުއްޓުމަށް އަޔަކަ ނުދެއްވާނެކަމަށް ނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ވަނީ ކުޅުުދުއްފުށީ އެއާޕޯޓާއި ގުޅިގެން ބައެއް ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ.

Ad
rt

ޖަމްޝީދު ފާހަގަ ކުރެއްވި ގޮތުގައި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ އެންމެ ޑިމާންޑް ބޮޑު އެއާޕޯޓަކީ ކުޅުދުއްފުށީ އެއާޕޯޓެވެ. އަދި ހުޅަނގު މޫސުމުގެ ވިއްސާރާގައި މީގެ ތިން ދުވަސްކުރަން އެއާޕޯޓް ވަށާޖަހާފައިވާ ފެންސް ވަނީ ވެއްޓިފައި ކަމަށް ވިދާޅުވިއެވެ.

"ހުޅަނގުކޮޅު ތޮށިގަނޑު ގިރުމުގެ ސަބަބުން ހިއްކި ސަރަހައްދު ވަނީ ވަރަށް ބޮޑަށް ގިރާލާފައި، މިހާރު ވެސް ދަނީ ގިރަމުން މައްސަލަތައް ހައްލުވާނެ ދުވަހެއް ނޭނގެ، އެއާޕޯޓްގެ ޚިދުމަތްތައް ހުއްޓިދާނެކަމުގެ ބިރު އެބައޮތް" ޖަމްޝީދު ވިދާޅުވިއެވެ.

އޭނާ ވަނީ އެއާޕޯޓްގައި ރޭގަނޑު ފްލައިޓް ޖެއްސޭނެހެން ލައިޓް ޖެހުމަށް އެގްރިމެންޓް ކުރެވިފައިވީނަމަވެސް އެކަންވެސް އަދި ނުފެށި އޮތްކަން ފާހަގަ ކުރައްވާފައެވެ.

"އެހެންކަމުން ކުޅުދުއްފުށީ އެއާޕޯޓްގެ ޚިދުމަތް ފެންނަނީ ވަރަށް ނާއުންމީދުކޮށް، ހޮސްޕިޓަލްގެ ޚިދުމަތްތައް ވެސް މިހާރު ވަނީ ވަރަށް ބޮޑަށް އެއާޕޯޓާއި ގުޅިފައި، ކޮންމެ ދުވަހަކު ބަލިމީހެއް އެއާޕޯޓުން ފުރުވާލަންޖެހޭ" ޖަމްޝީދު ވިދާޅުވިއެވެ.

ވަގުތު ހަމަވުމުން ސުވާލު ނުކުރެވުނު ނަމަވެސް ޖަމްޝީދުގެ މި ކަންބޮޑުވުންތަކަށް މިނިސްޓަރު އަސްލަމް ވަނީ ޖަވާބު ދެއްވާފައެވެ.

"އެއާޕޯޓް ހިމާޔަތް ކުރުމަށް ކުރެވިފައިހުރި ކަންކަމުގެ ފެންވަރު ދަށްވެގެން ކުރިންވެސް އަޅުގަނޑާއި ވެސް ވާހަކަ ދެކެވިފައި، މި މަސައްކަތް ކުރުމަށް ކޮންޓެކްޓްގައި ވެސް ވާނީ ސޮއި ކުރެވިފައި، ކޮންޓްރެކްޓް ކުރެވިފައިވާ ގޮތައް މަސައްކަތް ކުރިއަށް ގެންދަން ބާރުއަޅާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަން ވަނީ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، އެއާޕޯޓް ލައިޓިންނާގުޅޭ ގޮތުން އެއްޗެއް ދަންނަވަން އިނގޭނީ އެ މަޝްރޫޢު ހިންގަވާ އިދާރާއަށް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީ އެއާޕޯޓްގެ ޚިދުމަތް ނުހިއްޓިދާނެ، އެކަންވިޔަކަ ނުދޭނަން، ކުޅުދުއްފުއްޓަކީ، މުޅި އަތޮޅުގެ، މުޅި ސަރަހައްދުގެ، މުޅި ތިން އަތޮޅުގެ ރައްޔިތުން ވެސް ބަރޯސާވާ ރަށެއް، އެރަށުގެ މިފަދަ ޚިދުމަތެއް އިރާދަކުރެއްވިއްޔާ ހުއްޓުނަ ނުދޭނަން" މިނިސްޓަރު އަސަލަމް ވިދާޅުވިއެވެ.