ސީލައިފް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ އަލުން ބަންދު ނުކުރެވޭނެ ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ އައްމަޓީ މިދިޔަ މާޗް މަހު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ އެ ނިންމުން ރަނގަޅު ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އޭނާ ފިލާފާނެ ކަމަށް ދައުލަތުން ދެކުނަސް، އެ ފުރުސަތު މިހާރު ނެތް ކަމަށެވެ. އެއީ އޭނާގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައި އޮތުމުންނާއި އޭނާ ކޮންމެ ދުވަހަކު ކަރެކްޝަނަށް ހާޒިރުވާން ކޯޓުން ޝަރުތު ކޮށްފައި އޮތުމުންނެވެ.
އައްމަޓީ އާ ޕާސްޕޯޓެއް ހަދަން އެދެފި ނަމަ އެކަން ކޯޓަށް އަންގަން އިމިގްރޭޝަނަށް ކޯޓުން އަންގާފައިވާތީ އެއީ ވެސް އޭނާ ނުފިލޭނެ ގޮތް ހެދުމަށްޓަކައި އަޅާފައިވާ އެކަށީގެންވާ ފިޔަވަޅެއް ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެކުރިން ދެފަހަރަށް ވެސް އައްމަޓީ ބަންދުން ދޫކޮށްލި އެވެ. އެ ދެފަހަރު އޭނާ އަލުން ބަންދުކުރީ ހައި ކޯޓުގެ އަމުރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!