މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު ހަވީރު 6 ޖެހުމާއި ހަމައަށް އިތުރުކޮށްފިއެވެ.

އެމްޑީޕީން ބުނީ މިހާރު ކުރިއަށްދާ އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުމަށް ދެވިފައިވާ ގަޑި، މިއަދު ވިއްސާރަވުމާއި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެއްޓުލެއް ލަސްވުމުގެ ސަބަބުން މިއަދު ހަވީރު 6:00 އާއި ހަމައަށް ވަޤުތު އިތުރުކޮށްފައިވާ ކަމަށެވެ.

Ad
rt

ކުރިން ވޯޓުލާ ނިންމަން ދީފައި ވަގުތަކީ ހަވީރު 4:00 އެވެ.

އިންތިޚާބުގެ ވަގުތު އިތުރުކުރުމާއި ގުޅިގެން ޗެއާޕާސަން އިންތިޚާބަށްގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕެއިން ތަރުޖަމާނު އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވަނީ ވޯޓުލާ ގަޑި ހަމަވިފަހުން ވަގުތު އިތުރުކުރެވޭތޯ ސުވާލު އުފައްދަވާފައެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބޭ އެޕާޓީގެ މެންބަރުންގެ އަދަދު 94،000 އަށް ވުރެ ގިނައެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސާ ހޮވުމަށް 41،027 މެމްބަރުންނަށް ވޯޓުލެވެއެވެ. ޒުވާނުންގެ ހިތްވަރުގެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް 32،057 މެމްބަރުންނަށް ވޯޓު ލެވެއެވެ.