މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހއ. ދިއްދޫން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތިން ރަށެއްގައި އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެއް އޮޕަރޭޝަން ހިންގާފައި ވަނީ ހއ. ދިއްދޫގައެވެ. އެއީ އެރަށަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން އެ ރަށު ބަނދަރުމަތިން 28 އަހަރުގެ ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ދެވަނަ އޮޕަރޭޝަން ހިންގާފައި ވަނީ ނ. ހޮޅުދޫގައެވެ. މި މަހު 11 ވަނަ ދުވަހު އެރަށުގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހޮޅުދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފުލުހުން ހާމަކުރައްވާގޮތުގައި އެ އިދާރާއިން ހިންގި ތިން ވަނަ އޮޕަރޭޝަންގައި ވަނީ އައްޑޫ ސިޓީ ފޭދޫން ވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ގަން ޕޮލިސް ސްޓޭޝަނުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. މި މަހު 11 ވަނަ ދުވަހު ފޭދޫ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 20 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަތައް ތަހުގީގު ކުރައްވަމުން ގެންދަވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!