ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހދ. ވައިކަރަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި އިއްޔެ ޚިދުމަތް ދޭން ފަށައިފިއެވެ.

ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވައިކަރަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މި ރަސްމިއްޔާތުގައި ވައިކަރަދޫގެ ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިން ބައިވެރިވިއެވެ.

Ad
rt

ވައިކަރަދޫ ޕޮލިސް ޕޯސްޓް ހުޅުވުމަށްފަހު، އެ ޕޯސްޓްގައި ދިވެހިރާއްޖޭގެ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރު އިމްރާނެވެ. އަދި ފުލުހުންގެ ދިދަ ނަންގައިދެއްވީ ސީޕީ ހަމީދެވެ. ވައިކަރަދޫ ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމްއެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޕޯސްޓު ބައްލަވައިލައްވާފައެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އަބްދުލް މަންނާނު ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު އަދި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ. އަދި ރައްޔިތުން މަޖިލިސްގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ހދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖް، ވައިކަރަދޫ ކައުންސިލްގެ ރައީސް އާއި އެކައުންސިލް މެމްބަރުންގެ އިތުރުން ރަށުގައި ހުރި މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެލެއްވިއެވެ.

މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަ ފުޅުގައި ފުލުހުންނާއި ވައިކަރަދޫ ރައްޔިތުންނާއި މުއައްސަސާތައް ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ވައިކަރަދޫގައި ފުލުހުންގެ ހިދުމަތް ފެށިފައިވުމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ އަމާންކަމާއި ރައްކާތެރިކަން ކަމަށާއި، ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދިނުމުގައި އިގްތިސޯދާ އެކުގައި މަސައްކަތްކުރުމަކީ އަމާންކަންކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވިގޮތުގައި އަވައްޓެރި ފުލުހުންގެ ގޮތުގައި ފުލުހުންގެ ހިދުމަތް ފުޅާކުރަމުންދާއިރު ފުލުހުންގެ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް ގެނެވި ރައްޔިތުންނާ އެކުގައި މި ހިދުމަތް ދެވުމަކީ ދިވެހިންނަށް ލިބިގެންދާނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ. އަދި ދިވެހިން ދިރިއުޅޭ ރަށްރަށުގައި ކުށްމަދު، އެކެއްގެ ހައްގަކަށް އަނެކަކު އަރައިނުގަނެ، އެކަކު އަނެކަކަށް އެހީތެރިވެ އެންމެން އެއް އާއިލާއެއްގެ ގޮތުގައި މީގެކުރިން ދިރިއުޅެފައިވާކަން ފާހަގަކުރައްވައި ދުނިޔޭގައި ޖެހެމުންދާ ތަފާތު އޮއިވަރުތަކުގެ ތެރެއިން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ބައެއް ކަހަލަ ކުށްތައް ރަށްތަކަށް ފެތުރިގެންގޮސްފައިވުމީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށް ވިދާޅުވިއެވެ.

އަދި ކޮންމެ ރަށެއްގައި ފުލުހުން ތަރުތީބުވެ އަތޮޅުތަކާއި ރީޖަންތަކުގައި ފުލުހުން ބެހިގެން ގޮސް ފުލުހުންގެ މުއައްސަސާ އެކަތިގަނޑެއްގެ ގޮތުގައި ބައްޓަންކުރެވިގެންދާ ދިއުމަކީ އެކާވީސްވަނަ ގަރުނުގެ ތެރޭގައި ރައްޔިތުންނަށް ދެވޭ ހިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސީޕީ ހަމީދު ދެއްކެވި ވާހަކަފުޅުގައި، ފުލުހުން ރަށެއްގައި ގާއިމު ކުރުން އެއީ މުހިންމު ކަމެއްކަމުގައިވިޔަސް އެންމެ މުހިންމު ކަމަކީ އެ ރަށެއްގެ މުޖުތަމައުއަށް ރަނގަޅު ފެންވަރެއްގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފުލުހުންގެ ހިދުމަތް ލިބިގެންދިއުން ކަމުގައި ވިދާޅުވިއެވެ. އަދި ވައިކަރަދޫއަށް ކުރިމަތިވެފައިވާ ކުށުގެ ކަންކަމާއި އިޖުތިމާއީ މައްސަލަތަކަށް އިޖާބަދީ އެކަންކަމަށް ފިޔަވަޅު އަޅައި ހައްލުހޯދުމަށް އަބަދުވެސް ފުލުހުން މަސައްކަތްކުރުން އެއީ މުހިންމު ކަމެއްކަމާއި ވައިކަރަދޫގައިވެސް އަވައްޓެރި ފުލުހުންގެ ހިދުމަތް ކުރިއަށްގެންގޮސް ކުށްމަދު އަމާން މާހައުލަކަށް ހެދުމަށްޓަކައި ރަށުގެ މުވައްސަސާތަކާ ގުޅިގެން މަސައްކަތްކުރުން އެއީ އެންމެ އިސްކަންދޭ ކަންކަން ކަމުގައި ވިދާޅުވިއެވެ.