ސަޢޫދީން ހަދިޔާ ކުރެއްވި ކަދުރު ރަސްމީކޮށް ހަވާލުކުރައްވައިފި

kadhuru

ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރައްވާފައިވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ރަސްމީކޮށް ހަވާލުކުރައްވައިފިއެވެ.

ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރގެ ވަފުދެއް ރާއްޖެ ވަޑައިގެން މިކަމަށްޓަކައި މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކަދުރު ހަވާލު ކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީ އެވެ. ކަދުރާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

މިރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ރަމަޟާންމަހަށް ކަދުރު ފޮނުވަން ނިންމި ޤައުމުތަކަށް ރަމަޟާންމަސްތެރޭ ކަދުރު ލިބޭނެކަމަށް އުންމީދުކުރެއްވި ކަމަށާއި އެހެންނަމަވެސް ރާއްޖެއެކޭ އެއްގޮތަށް އެހެން ޤައުމުތަކަށްވެސް ކަދުރު ލިބުން ލަސްވީ ދަތުރުފަތުރާއި ގުޅިގެން ދިމާވި ކަންތައްތަކެއްގެ ސަބަބުންކަމަށެވެ.

ސަފީރުވަނީ އެ ޤައުމުގައި ކޮވިޑްގެ ހާލަތާ ގުޅިގެން އަދިވެސް ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ސައުދީ ރަސްގެފާނަށާއި ވަލީއަޙުދަށް، އަދި ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރގެ ވަފުދަށް ޝުކުރުއަދާކުރައްވާފައެވެ.

ކަދުރު ބަހަން އަންނަ ހަފްތާގައި އިޢުލާންކުރެވޭއިރު ކަދުރު ބަހާނީ ފަޤީރުންގެ ގޭބިސީތަކަށެވެ. މާލެ، ވިލިމާލެއަށް މާލެސިޓީގެ އެހީތެރިކަމާއިއެކު ކަދުރުބަހަން ނިންމާފައިވާއިރު ހުޅުމާލޭގެ ގޭބިސީތަކަށް ކަދުރު ބަހަން ހަވާލުކުރުމަށް ނިންމާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *