ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު އައްޔަންކުރައްވައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވިގޮތުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު ވަނީ އައްޔަންކުރައްވާފައެވެ.
ހދ. ނައިވަދޫއަށް ނިސްބަތްވާ ފަނޑިޔާރު ސަމީރު ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުއެވެ. ސަމީރު ވަނީ ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުންކަން ވެސް ކުރައްވާފައެވެ. ހައި ކޯޓުގެ ފަނޑިޔާރުކަން 2011 މާރިޗު 26 ވަނަ ދުވަހު ލިބިވަޑައިގަތުމުގެ ކުރިން އޭނާއަކީ ސިވިލް ކޯޓުގެ އިސްގާޒީ އެވެ. އޭނާއަކީ ހައި ކޯޓު ހިންގުމާ ހަވާލުވެގެން އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާ އެވެ.
ޢަލީ ސަމީރު ވަނީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓަރސް ޑިގްރީ ޙާޞިލު ކުރައްވާފައެވެ. އަލްއުސްތާޛު ޢަލީ ސަމީރު ޝަރުޢީ ދާއިރާގައި އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި މަދަނީ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓުގެ އިސް ޤާޟީކަމާއި، ސިވިލްކޯޓުގެ އިސް ޤާޟީކަން ހިމެނެއެވެ.
އަލްއުސްތާޛު ޢަލީ ސަމީރު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެވުމާއެކު، އެ މަޤާމުގައި މިހާރު ތިއްބެވީ އަލްއުސްތާޛު ޢަލީ ސަމީރުގެ އިތުުރުން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދު ސަލީމެެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ރ) ގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވެއްޖެނަމަ، ނުވަތަ އެއްވެސް ސަބަބަކާ ހުރެ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވެއްޖެ ޙާލަތެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ ބާރު ވަގުތީގޮތުން ޙަވާލުކުރައްވާނީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދު ސަލީމާއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އައްޔަންކުރައްވާ މި އޮފީހުގެ އެންމެ އިސް މަޤާމުތަކުގައި މި ވަގުތު ތިއްބެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުންގެ އިތުރުން، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ނާޝިދުއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޝަމްރާ ޝަމީމްއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ މަރްޔަމް ފެޒްލީންއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢަބްދުﷲ ރާބިޢުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!