ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ހދ. ވައިކަރަދޫ، ގްރީންވިލާ، އަލްއުސްތާޛު މުޙައްމަދު ނިޔާޒް މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ނިޔާޒް، ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ނިޔާޒް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ.
މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މުޙައްމަދު ނިޔާޒާ ވަނީ ޙަވާލުކުރައްވާފައެވެ.
ނިޔާޒް ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
ޖޭއެސްސީ ގައި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންނަވާނެ ފަނޑިޔާރަކު ހޮވަން ބޭއްވި އިންތިޚާބު ނިޔާޒް ކާމިޔާބު ކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅުއެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒު މަތީތަޢުލީމު ހާސިލުކުރެއްވީ ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މޭލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. ނިޔާޒު ކުރިން ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!