ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްޤީކޮށް ރަނގަޅު ކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށް ދިނުމަށް ހިންގާ މަޝްރޫޢުގެ ދަށުން ހއ.މުރައިދޫއަށް ފޮނުވުމަށް ހަމަޖެހިފައިވާ އެމްބިއުލާންސް އެ ރަށަށް ފޮނުވައިފިއެވެ.
މުރައިދޫއަށް އެ އެމްބިއުލާންސް ގެންގޮސްފައި ވަނީ 10 މެއި 2022 ވީ އަންގާރަ ދުވަހުއެވެ. އައު އެމްބިއުލާންސް ލިބުމާއި ގުޅިގެން މުރައިދޫ ހެލްތު ސެންޓަރުން ވިދާޅުވެފައި ވަނީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ޒަމާނީ ވަސީލަތްތަކާއިއެކު ރާއްޖޭގެ ރަށްތަކަށް ޒަމާނީ އެންބިއުލާންސް ފޯރުކޮށްދިނުމުގެ ގޮތުން ފޯރުކޮށްދެވޭ އެންބިއުލާންސެއް އެ ސެންޓަރަށް ލިބިފައިވާ ކަމަށެވެ.
އެ ސެންޓަރުން އިތުރަށް ވިދާޅުވެފައި ވަނީ މިއާއެކު ބަލިމީހުން އުފުލުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބިގެން ގޮސްފައިވާ ކަމަށާއި، މި ކަމަށްޓަކައި މިކަމުގައި ސާމިލްވާ އެންމެހާ ފަރާތްތަކަށް ނުހަނު އިހްލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި ހާއްސަކޮށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، ހެލްތު މިނިސްޓަރ އަހުމަދު ނަސީމަށާއި އަދި މީގެ އިތުރުން އެ ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲއަށް އެ ސެންޓަރުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މުރައިދޫއަށް އެމްބިއުލާންސް ލިބުމާއި ގުޅިގެން "ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ވިދާޅުވެފައި ވަނީ ފާއިތުވި ތަނުގައި ރަނގަޅު އެމްބިއުލާންސެއް ނެތުމުގެ ސަބަބުން ރައްޔިތުން އައީ ތަފާތު އުނދަގޫތައް ތަހަންމަލު ކުރަމުން ކަމަށާއި ނަމަވެސް ލިބިގެން މިދިޔަ އެމްބިއުލާންސާއިއެކު އެ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
ސިނާން އިތުރަށް ވިދާޅުވެފައި ވަނީ މުރައިދޫ ކަހަލަ ކުޑަ ރަށަކަށް ވެސް ރަނގަޅު ފެންވަރުގެ އެމްބިއުލާންސެއް ސަރުކާރުން ހަމަޖައްސައި ދެއްވުމުން ހާމަވެގެންދަނީ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި މިއަދުގެ ސަރުކާރުން ކުޑަރަށް ބޮޑުރަށް ތަފާތުކުރުން ނުގެންގުޅުއްވާކަމެވެ.
މިވަގުތު މުރައިދޫ ސިއްހީ މަރުކަޒުން މޮބައިލް ލެބޯޓްރީގެ ޚިދުމަތް ވެސް އަންނަނީ ފޯރުކޮށްދެމުން ކަމަށާއި މިއީ ވެސް ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ލިޔެއް ގޮތުގައި ސިނާން ވަނީ ފާހަގަ ކުރައްވާފައެވެ.
ސިނާން އިތުރަށް ވިދާޅުވެފައި ވަނީ ސިއްހީ މަރުކަޒުގެ ގޮތުގައި މިހާރު މުރައިދޫގައި ބޭނުން ކުރަމުން އަންނަ އިމާރާތުގައި ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި މުވައްޒަފުންގެ ދަތިކަން ވެސް ކުރިމަތިވެފައިވާ ކަމަށެވެ. މިވަގުތު އެތަނުގައި ބަލި މީހުން އެޑްމިޓްކުރަން ވެސް ހުރީ އެންމެ ދެ އެނދު ކަމަށާއި، ހާހަކާއި ގާތްކުރާ އާބާދީއަކަށް މިވަރުން ނުފުދޭ ކަމަށެވެ. އެއީ އެތަން ހުޅުވީއްސުރެ މިއަދާ ހިސާބަށް ވެސް އެކަން އޮތް ގޮތްކަމަށެވެ. އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަމުގައި ސިނާން ވަނީ ފާހަގަ ކުރައްވާފައެވެ.
ސަރުކާރުން މިވަގުތު ވެސް ރާއްޖޭގެ އެކި ރަށްތަކުގައި ހުރި ސިއްހީ މަރުކަޒުތައް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް އެފަދަ އިންތިޒާމެއް މިހާތަނަށް މުރައިދޫއަށް ހަމަޖެހިފައިނުވާ ކަމަށާއި، ނަމަވެސް ލަސްތަކެއް ނުވެ މުރައިދޫ ސިއްހީ މަރުކަޒު އިތުރައް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައި ދެއްވާނެ ކަމުގެ އުންމީދުގައި އެ ރަށުގެ ރައްޔިތުން ތިބި ކަމުގައި ސިނާން ވަނީ ފާހަގަ ކުރައްވާފައެވެ.
ސިނާން ވަނީ މުރައިދޫގެ ކުރިއެރުމަށް މަސައްކަތްކުރާ އެންމެން އެ ކުރައްވާ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށާއި ހެލްތު މިންސްޓަރަށާއި އަދި އެ ދާއިރާގެ މެމްބަރުގެ މަސައްކަތް ފާހަގަ ކުރައްވައި ސިނާން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!