ޖަމްޢިއްޔާތަކުގެ އާ ޤާނޫނެއް، ބިލު ތަސްދީޤު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން، އަލަށް ވުޖޫދުވެގެން އަންނަ ޖަމިއްޔާތަކުގެ ޤާނޫނުގެ ސަބަބުން ޒިންމާދާރުކަމާއެކު ޖަމިއްޔާތަކަށް ފުޅާދާއިރާއެއްގައި ހަރަކާތްތެރިވުމުގެ އިތުރު ދޮރުތައް ހުޅުވިގެންދާނެ، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ، ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން، އަލަށް ވުޖޫދުވެގެން އަންނަ ޖަމިއްޔާތަކުގެ ޤާނޫނުގެ ސަބަބުން ޒިންމާދާރުކަމާއެކު ޖަމިއްޔާތަކަށް ފުޅާދާއިރާއެއްގައި ހަރަކާތްތެރިވުމުގެ އިތުރު ދޮރުތައް ހުޅުވިގެންދާނެ، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖަމްޢިއްޔާތަކުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މިއީ 2022 އެޕްރީލް 18 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން ޖަމްޢިއްޔާތަކުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

މި ޤާނޫނު ބުނާގޮތުން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީޚުގައެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 2003 ވަނަ އަހަރު ވުޖޫދުވެ، މިހާރު އަމަލު ކުރަމުންދާ ޖަމްޢިއްޔާތަކާބެހޭ ޤާނޫނު އުވިގެންދާނެއެވެ.

ރައީސް މިއަދު ތަސްދީޤުކުރެއްވި މި ބިލަކީ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދޭ ޖަމްޢިއްޔާތައް ހަދައި ހިންގުމުގެ ޙައްޤު ބޭނުންކުރާނެ ގޮތުގެ ހަމަތައް ބަޔާންކުރުމާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމުގެ އިޖުރާޢަތުތަކާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށް ލިބިގެންވާ ޙައްޤުތަކާއި ސިފަތަކާއި، ޖަމްޢިއްޔާގެ ރަޖިސްޓްރާރގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އިޚްތިޔާރުތައް ބަޔާންކުރުމުގެ ބިލެކެވެ.

މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި، ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްޢިއްޔާތަކުގެ ޙަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ޤާއިމުކޮށް، ޖަމްޢިއްޔާތަކުން މުޖުތަމަޢުގެ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ މަގެއް، ޤާނޫނުގެ ތެރެއިން ފަހިކޮށްދިނުން ހިމެނެއެވެ. އަދި ޖަމްޢިއްޔާތަކަށް އާމްދަނީ ހޯދުމަށް މަސައްކަތްކުރެވޭނެ ދާއިރާތަކާއި، ފައިސާ ހޯދުމާއި، ޖަމްޢިއްޔާތަކުން ދަރަންޏަށް ޒިންމާވުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ އިތުރުން ރަޖިސްޓަރީވެފައިވާ ޖަމްޢިއްޔާއެއް އުވާލެވޭނެ އުސޫލުތައް ބަޔާންކުރުން ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ބިލު ޤާނޫނަކަށް ވުމުން މި ޤާނުނުގެ ބޭނުމަށްޓަކައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްޢިއްޔާތައް ބެހިގެންވާ ބައިތައް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމުން މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާގެ ތެރެއިން އެއްވެސް ޙަރަކާތެއް ހިންގާފައިނުވާ ޖަމްޢިއްޔާތަކާއި، އަހަރީ ފީ ދައްކާފައިނުވާ ޖަމްޢިއްޔާތަކާއި، އަހަރީ ރިޕޯޓު ހުށަހަޅާފައިނުވާ ޖަމްޢިއްޔާތަކަށް އަހަރީ ފީ ދެއްކުމަށާއި، ޖޫރިމަނާއެއް ދައްކަންޖެހިފައިވާނަމަ އެ ފައިސާ ދެއްކުމަށާއި އަހަރީ ރިޕޯޓު ހުށަހެޅުމަށް 6 (ހައެއް) މަސްދުވަހުގެ މުހުލަތެއް ދިނުމަށްފަހު އެގޮތަށް ޢަމަލުކޮށްފައިނުވާނަމަ، އެ ޖަމްޢިއްޔާއެއް އުވާލުމުގެ ބާރު ޖަމްޢިއްޔާގެ ރަޖިސްޓްރާރ ލިބިދީފައިވެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ޖަމްޢިއްޔާގެ ރަޖިސްޓްރާރކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު ޢައްޔަންކުރަންވާނެކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ބިލު ޤާނޫނަކަށްވެ މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ބަޔާންކުރާ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ ޖަމްޢިއްޔާގެ ރަޖިސްޓްރާރ ކަމަށާއި ޖަމްޢިއްޔާގެ ރަޖިސްޓްރާރ ޢައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި