ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)އަށް ތާއީދުކުރަށްވާކަން ހާމަކުރައްވައިފިއެވެ.

ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަންވެސް ކުރަށްވާ އިންތިއަށް ތާއީދުކުރާކަން ރަސްމީކޮށް ހާމަކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ތިން ވަނަ ދައުރަކަށް ކުމުންދޫ ކައުންސިލްގެ ރައީސްގެ މަގާމް ފުރުއްވަމުން ގެންދަވާ އަމީން ވަނީ، އިންތިއާއި އިންތިގެ "ތިލަފަތުގެ ރަމްޒް" ކެމްޕެއިން ޓީމް މި ހަފުތާގައި ހއ. އަދި ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ކެމްޕެއިން ދަތުރުގައި ވެސް ބައިވެރިވެވަޑައިގަންނަވާފައެވެ.

އަމީންގެ ތާއީދު އިންތިއަށް ދެއްވިއިރު ކުމުންދޫ ހިމެނޭ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ތާއީދު ކުރައްވަނީ، ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އަށެވެ.

އަމީންގެ އިތުރުން އެމްޑީޕީގެ މަކުނުދޫ ދާއިރާގެ ރައީސް، ފެންކުންފުނީގެ ޗެއާމަންގެ ގޮތުގައި ހުންނެވި މައުސޫމްގެ ތާއީދު ވެސް އޮތީ އިންތިއަށެވެ. މައުސޫމް ދަނީ އިންތިގެ ކެމްޕެއިންގައި ވަރަށް އިސްކޮށް ބައިވެރިވަމުންނެވެ.