ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް ފުރާގު 2 ބޯޓު ފަރަށް އެރި ހާދިސާގައި ނައިފަރު ރައްޔިތުން ދެއްކީ އިންސާނިއްޔަތުކަމުގެ ލާމަސީލް ނަމޫނާއެއްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ފުރާގު ބޯޓު އުރިފައި ވަނީ ރޭ 8:30 ހާއިރު ޅ. ފެލިވަރު ކައިރީ އޮންނަ ފަރަށެވެ. މާލެ ދާން ފޯކައިދޫން މި ބޯޓު ފުރީ އިއްޔެ މެންދުރުފަހު 2 ޖަހާކަށް ހާއިރުއެވެ. މި ބޯޓު ފުންކޮށް ނައިފަރު ބަނދަރަށް ވެއްދީ ރޭ 01:16 ހާއިރު އެވެ. މި ބޯޓަކީ 130 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ބޯޓެކެވެ.
މި ހާދިސާއާއި ގުޅިގެން ޝިޔާމް ވިދާޅުވީ، ފޯކައިދޫ 'ފުރާގު' ބޯޓު މާލެދަތުރުކުރި މަގުމަތީ ރޭގެ ވަގުތެއްގައި ފެލިވަރު ކައިރި ފަރަށް އެރުމުން ބޯޓުން ދަތުރުކުރި 130 އަށްވުރެ ގިނަ ދަތުރުވެރިން ނައިފަރު ކައުންސިލް މެދުވެރިވެ ނައިފަރަށްބާލައި، ނައިފަރުގެ ލޮބުވެތި އާއިލާ ތަކުން ދަތުރުވެރިންނާ ހަވާލުވެ ދެއްކެވީ އިންސާނިއްޔަތުކަމުގެ ލާމަސީލް ނަމޫނާއެއް ކަމަށެވެ.
"ފަރަށް އެރި ބޯޓު ފުން ކުރުމުގައިވެސް ނައިފަރުގެ މަސްވެރިންނާ އޮޑިވެރިން އެބޭފުޅުންގެ އުޅަނދުފަހަރު ބޭނުންކުރައްވައިގެން ދަންވަރުގެ ވަގުތެއްގައި އަމިއްލަ ކަމެއްގެގޮތުގައި ބަލައި ކުރެއްވީ ވަަރަށް ބޮޑު މަސައްކަތެއް" ޝިޔާމް ވިދާޅުވެފައެވެ.
މި ބޯޓު ވަނީ ރޭ 3 ޖަހާކަށްހާއިރު މާލެދިޔުމަށް ނައިފަރުން ފުރާފައެވެ. މި ބޯޓު ވަނީ މިއަދު ހެންދު މާލެ ވަދެފައެވެ.
ބޯޓުން ދަތުރުކުރި މީހުން ނައިފަރަށް ބޭލުމުން ނައިފަރު ރައްޔިތުން އެ މީހުންނަށް އެހީތެރިވުމުގެ ތެރެއިން
''ބޯޓުން ދަތުރި ކުރި ވަރަށް ގިނަ ދަތުރުވެެރިންނާ އަޅުގަނޑާވެސް ފޯނުން ވާހަކަ ދައްކާލެވުނު. އެބޭފުޅުން ދެއްކެވީ ކައުންސިލްގެ އިންތިޒާމު ތަކުގެ ފުރިހަމަ ވާހަކަ އާއި ޚާއްސަކޮށް އެބޭފުޅުންނާ ހަވާލުވި އާއިލާތަކުގެ ހިތްހެޔޮކަމާ މެހުމާންދާރީގެ ފުރިހަމަ ކަމުގެ ވާހަކަ." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ނައިފަރުގެ ލޮބުވެތި ރައްޔިތުންނަކީ މިފަދަ ކޮންމެ ވަގުތެއްގައި ނަމޫނާ ދައްކަވާ ބައެއް ކަމަށެވެ. އަދި އޭނާ ރަށްރަށަށް ގޮސް އުޅޭއިރު ނައިފަރު ރައްޔިތުންގެ ހިތް ހެޔޮ ކަމާ ފުރިހަމަ މެހުމާންދާރީގެ ވާހަކަ އަކީ އެންމެ ގިނައިން އޭނާގެ ކަންފަތުގައި ޖެހޭ އެއްއަޑު ކަމަށް ވިދާޅުވިއެވެ.
ނައިފަރުން ލިބުނީ ފުރިހަމަ އެހީތެރިކަމެއް، ބޯޓު މިރޭ މާލެ ދާން ފުރާނެ: ފޯކައިދޫ ކައުންސިލް
ޝިޔާމް ވަނީ ރޭގެ ހާދިސާގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް އޭނާގެ އަމިއްލަ ނަމުގައި ވަރަށް ޝުކުރު ދަންނަވާފައެވެ،
"ނައިފަރުގެ ރައްޔިތުންނަށްޓަކައި އަބަދުވެސް ފަޚުރުވެރިވޭ." - ޝިޔާމް -
ރޭގެ ހާދިސާއާއި ގުޅިގެން ބޯޓުން ދަތުރުކުރި ދަތުރުވެރިން ނައިފަރަށް ބާލައި، އެ ދަތުރުވެރިންނަށް ނައިފަރު ރައްޔިތުން ދިން މެޚްމާން ދާރީއަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ތަޢުރީފް ކުރަމުންނެވެ.
ނައިފަރުގެ މި ނަމޫނާ އެހީތެރިކަން ފޯކައިދޫ ކައުންސިލާއި، ށ. އަތޮޅު ކައުންސިލުން ވެސް ފާހަގަ ކުރަށްވާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!