މިވަގުތަކީ ހުރިހާ ޤައުމުތަކަކުން އެކަތިގަނޑަކަށް ވާންވީ ވަގުތުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިޞަލް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ މިއަދު ވަނީ ބައްދަލުކުރައްވާފައެވެ.

Ad
rt

މިއަދު އ.ދ. ގެ މައި މަރުކަޒުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ލީޑަރޝިޕަށް ތަޢުރީފުކުރައްވާފައެވެ. އަދި، އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ރިޔާސަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވިގޮތުގައި މި ބައްދަލުކޮށްލެއްވުމުގައި ނައިބު ރައީސް ވަނީ، މިއީ ހުރިހާ ޤައުމުތަކުން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ. އަދި ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކުގެ ސަަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިކަން ބޭނުންވާކަމަށް ވަނީ ވިދާޅުވެފައެވެ.

ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުން ނާޒުކު ކުދި ޤައުމުތަކަށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އެހީތެރިވެދިނުން މުހިންމުކަމުގައި ފާހަގަކުރައްވަމުން، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާ ނައިބު ރައީސް ވަނީ ވާހަކަފުޅު ދައްކާފައެވެ. އެގޮތުން، ކޯވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމަށް ކުރިއަސަރުތަކާ ގުޅުންހުރި ބައެއް ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވާގޮތުގައި މި ބައްދަލުކުރެއްވުމުގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒް ވަނީ އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ރިޔާސަތަށް ތަޢުރީފުކުރައްވާފައެވެ. އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކުގެ މައްސަލައިގައި ރާއްޖެއަށް އެއްބާރުލެއްވުން ދެއްވާނެކަމަށާއި، ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރީ ސަފުގައި އަބަދުވެސް މަސައްކަތްކުރަމުންދާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާކަމަށާއި، މިގޮތުން އަބަދުވެސް އ.ދ. އިން އަދި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އެމަނިކުފާނު ރާއްޖެއަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒް ވަނީ ވިދާޅުވެފައެވެ.