ފުލުހުންގެ ޚިދުމަތުން ރާއްޖޭގެ ތިން ރަށެއްގައި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައިފިއެވެ.

މި އޮޕަރޭޝަންސްތަކަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ޚިދުމަތުން ނ. މަނަދޫ ތ. މަޑިފުށި އަދި ކ. މާފުށީގައި ހިންގި އޮޕަރޭޝަން ތަކެކެވެ.

Ad
rt

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި ނ. މަނަދޫގައި ހިންގި އޮޕަރޭޝަނަކީ މާޅެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހު 3 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި މަނަދުއަށް ދިޔަ ބޯޓެއް ބަލައި ފާސްކުރިއިރު ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. އިންޓެލިޖެންސާއި މަނަދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ތ. މަޑިފުށީގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ވިދާޅުވިއެވެ. މި މަހު 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ދެ ކޮތަޅު ފެނިފައިވެއެެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޑިފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ކ. މާފުށީގައި މި މަހު 3 ވަނަ ދުވަހުގެ ރޭ ހިންގި އެއް އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތީގެ ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތައް ކަމަށް ފުލުހުން ހާމަކުރަށްވާފައި ވެއެވެ. މާފުށި ޕޮލިހާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ރަށުގެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި، ތިން ފުޅި ބަނގުރާ ފެނިފައިވެއެވެ.

އޭގެ އިތުރުން، ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔައިރު، 18 އަހަރުން ދަށުގެ ދެކުދިންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅަކާއި 13 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

އޭގެ އިތުރުންވެސް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށީގެ ސަރަހައްދެއް ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 36 ރަބަރު ޕެކެޓާއި، ހަ ސެލޯފިންކޮޅާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލް ގެ ފުޅިއެއް ފެނިފައިވާކަމަށް ވެސް ފުލުހުން ވަނީ ހާމަކުރަށްވާފައެވެ.