މިދިޔަ އަހަރުގެ މެއި 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް، މިހާރުގެ މަޖިލިސް ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއިން އެމަނިކުފާނު ސަލާމަތް ވުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ނަސްރެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
ބޮމުގެ ޙަމަލާއަށް އަހަރެއް ފާއިތުވުމާ ގުޅިގެން އެމްޑީޕީން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއިން އެމަނިކުފާނު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ނަސްރެއްކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ.
އެހަމަލާއިން ސަލާމަތްވެވަޑައިގެންނެވި ނަމަވެސް، އެކަމުން ލިބިވަޑައިގެންނެވި އަނިޔާތަކާއި، އެހާލަތުން އަރައިގަތުމަށްޓަކައި ރައީސް ނަޝީދު ދެއްކެވި ހިތްވަރުފުޅު ފާހަގަކޮށް، އެމަނިކުފާނާމެދު ފަހުރުވެރިވާކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
"މެއި 6، 2021 ގެ ހަމަލާއަށްފަހު ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް މިޕާޓީން މަރުހަބާކިޔަމެވެ. އެފިޔަވަޅުތަކާމެދު އިދިކޮޅުފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަކީ ކަމުގެ ނުރައްކާތެރިކަމާއި، ބިރުވެރިކަން އެނގިތިބެ، ހަމައެކަނި ސިޔާސީ މަޤުސަދެއްގައި ރައީސް ނަޝީދުގެ ނަންފުޅު ކިލަނބުކުރުމަށް ކުރަމުން ގެންދާ މަސައްކަތެކެވެ." އެމްޑީޕީން ބުނެފައި ވެއެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިނީ އެމަނިކުފާނަކީ އިސްލާމްދީނުގެ ޢަދުއްވެއްކަމުގައި ސިފަކޮށް، އެ ތަކްފީރީ ޖޯޝުން ހިތްވަރު ނެރެ، ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފަރާތްތަކުންކަން މިހާތަނަށް ހިންގި ތަޙުޤީގުން އެނގޭ ކަމަށެވެ.
އަދި މިއީ ރާއްޖޭގައި ހަރުކަށި ފިކުރު މޫލާފައިވާ މިންވަރު ދަލާލަތުކޮށްދޭ ކަމަކަށްވާއިރު، އެހަރުކަށި ވިސްނުން ނައްތާލުމަށްޓަކައިވެސް ދައުލަތުގެ އެންމެހާ އިދާރާތަކުން ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެ ޕާޓީން ބުނެފައި ވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށް އެއް އަހަރު ފުރުނުއިރު، އެމައްސަލައާއި ގުޅިގެން ކުރަމުން ގެންދާ ތަހުޤީޤު އަވަހަށް ފުރިހަމަކުރުމަށާއި، މިހާތަނަށް ދައުވާ އުފުލިފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ. އަދި، މި ހަމަލާއަކީ އިންޒާރުގެ ރަނގަބީލެއްކަމުގައި ދެކި، އެފަދަ ކަމެއް ތަކުރާރު ނުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ވެސް ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވައިލައިފައެވެ.
"ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާއަކީ ދިވެހިރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅަކު އަވަހާރަކޮށްލުމަށް އެފަދަ ގޮތަކަށް ދިން ފުރަތަމަ ހަމަލާއެވެ. މިއީ ރާއްޖޭގެ އަމާންކަމާމެދު ސުވާލު އުފެދުނު ހަމަލާއަކަށްވާއިރު، އެހަމަލާގެ ފުރިހަމަ ތަހުޤީޤަކުން މެނުވީ، އެފަދަ އިތުރު ހަމަލާތައް ނުހުއްޓުވޭނޭކަމަށްވެސް މިޕާޓީން ދެކެމެވެ." -އެމްޑީޕީ-
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ފަދަ ހަމަލާއެއް މިގައުމުގައި ތަކުރާރުވުމަކީ އެމްޑީޕީއާއި، އަދި ދިވެހި ރައްޔިތުންގެ ތެރެއިން ގައުމީ ލޯބި ހުރި އެއްވެސް ރައްޔިތަކު އެދޭނޭ ކަމެއް ނޫން ކަމަށް ވެސް އެމްޑީޕީން ބުނެފަވެއެވެ.
އެމްޑީޕީން ބުނީ، ރައީސް ނަޝީދަށް ދިން ހަމަލާއަކީ ދުރާލާ ރާވައިގެން ބަޔަކަ ހިންގި އަމަލެއް ކަމަށް އެ ޕާޓީއިން ޤަބޫލުކުރާ ކަމަށެވެ. އަދި މި އަމަލުގެ ފަހަތުގައި ތިބެގެން ޚަރަދުކުރި ބަޔަކު މިއަދާހަމައަށްވެސް ހޯދިފައި ނުވާކަމީ ނުހަނު ކަނބޮޑުވާކަމެއް ކަމަށެވެ.
އެހަމަލާ ދިނުމަށް ބަޔަކު ހަރަދުކޮށްފައިވާނަމަ ހަރަދުކުރި މީހުންނާއި، އެހަމަލާގެ ކުރިންނާއި ފަހުން އެކަމަށް ވާގިވެރިވެ ހިތްވަރު ދިން މީހުންނާ ހަމައަށް ތަހުޤީޤު ފުޅާކޮށް، އަވަސް ނަތީޖާއެއް ނެރެވޭނޭ ގޮތަށް އިންތިޒާމުތައް ރޭވުމަށް އެމްޑީޕީގެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!